ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު (މާޓީ) ގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އެދި ހުށައެޅި މައްސަލާގައި އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓްގައި އިސްތިއުނާފު ކުރުމަށް ނިންމައިފި އެވެ.

ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު (މާޓީ) ގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އެދި ހުށައެޅި މައްސަލާގައި އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ އާދީއްތަ ދުވައެވެ. ސިވިލް ކޯޓުގެ ހުުކުމުގައި ބުނެފަައިވަނީ ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން އިހުމާލުން މީހަކު މަރުވިކަމަށް ބެލެވޭ މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހަދަން ނިންމުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އެހެންކަމުން އާއިލާއިން އެދުނު ގޮތަށް ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ވަނީ ނިންމާފައެވެ. ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން އަބުދު ﷲ ރަޝީދުގެ އާއިލާގެ ގާނޫނީ ވަކީލް މުހައްމަދު ރާގިބު ވިދާޅުވީ ސިވިލްކޯޓްގެ ނިންމުން ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެން ކަމުން މައްސަލަ ހައިކޯޓަށް ގެންދަން ނިންމާފައިވާ ކަމަށާއި ރޭ އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކުރާނެ ކަމަށްވެސް ރާގިބު ވިދާޅުވިއެވެ.

ރާގިބު ވިދާޅުވީ ރަޝީދު މަރާލީ ފުލުހުން ކަމަށް އާއިލާއިން ނުބުނާއިރު އާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ނުހެދޭނެ ކަމަށެވެ. އަދި އެއީ ގަވާއިދާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ އެކަން އެ ކުރަނީ "ބާރު އޮތުމުން" ކަމަށް ރާގިބު ވިދާޅުވިއެވެ.

ސިވިލް ކޯޓްގެ ހުކުމްގައި ރަޝީދުގެ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަން ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ބުނި ނަމަވެސް އެކަމުގެ އެއްވެސް ހުއްޖަތެއް ބަޔާން ކޮށްފައި ނުވާ ކަމަށް ރާގިބު ވަނީ ފާހަގަކުރަށްވާފައެެވެ.

ޕޯސްޓް މޯޓަމް ހަދަން ފުލުހުންނަށް ހުއްދަ ދޭން ނިންމި ނިންމުން ރަޝީދުގެ އާއިލާއިން ހައިކޯޓުގައި އިސްތިއުނާފް ކުރަން ނިއްމައިފައިވާއިރު އޭނާގެ ޕޯސްޓް މޯޓަމް ހަދަން ހޯމަ ދުވަހުގެ ވަގުތެއްގައި އިންޑިޔާއަށް ފޮނުވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު