ސަރުކާރުން މަސައްކަތް ކުރަނީ ޖަޒީރާ ފާގަތި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދޭން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެެއެވެ.

އއ. މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސް ސޯލިހް މިއަދު ވަނީ ބައްދަލުކުރަށްވާފައެވެ. އެ ބައްދަލުވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވީ އއ މާޅޮހު ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުވުމުން، ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެރަށުގެ ރައްޔިތުންގެ ފުރިހަމަ ތާއީދުއޮތްކަން ހާމަވެފައިވާ ކަމަށެވެ.



"ސަރުކާރުން އަބަދުމެ މަސައްކަތް ކުރަނީ ޖަޒީރާ ފާގަތި ދިރިއުޅުން ރައްޔިތުންނަށް ހޯދައި ދިނުމަށް،" ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި މި ބައްދަލުކުރެއްވުމުގައި އއ. މާޅޮހު ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން ރައީސާއި ވަނީ މަޝްވަރާ ކުރައްވާފައެެވެ. މި ބައްދަލުކުރެއްވުމުގައި މާޅޮހު ކައުންސިލުން ވަނީ ވޭތުވެދިޔަ ދިގު ތާރީޚްގައި މާޅޮހުގައި ދުވަހަކުވެސް ނުހިންގާ ވަރަށް މިވަގުތު އެ ރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާކަމުގައި ފާހަގަކުރައްވާ އެކަމަށްޓަކައި މާޅޮހުގެ އެންމެހާ ރައްޔިތުންގެ ނަމުގައި ރައީސް ސާލިޙަށް ޝުކުރު ދަންނަވާފަ އެވެ.

މީގެ އިތުރުންވެސް މި ބައްދަލުކުރެއްވުމުގައި އއ. މަތިވެރި ދާއިރާއަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކާއި މަތިވެރި ދާއިރާގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ މާޅޮހު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ ކަންކަން ބައްލަވާނެ ކަމަށެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު