އިބްރާހިމް ފަހީމް   30 އޮކްޓޯބަރު 2022 - 18:34
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުއްލިގޮތަކަށް ނިޔާވި ގދ. ހޯޑެއްދޫ، ޢަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ރަޝީދު ނިޔާވި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްކަމަށް ބެލެވޭކަމަށްބުނެ ފުލުހުން މީގެ ކުރިން ވަނީ ޕޯސްޓްމޯޓަމް ހެއްދުމަށް ބޭނުންވާ ކަމަށް ބުނެފައެވެ. ނަމަވެސް، އޭނާ މަރުވިގޮތް ސާފުކަމަށާއި ފުލުހުންގެ އިހުމާލު އެކަމުގައި އޮތްކަމަށްބުނެ ރަޝީދުގެ އާއިލާއިން ބުނަމުން ދިޔައީ ޕޯސްޓްމޯޓަމް ހަދަން ބޭނުން ނުވާކަމަށެވެ.

ނަމަވެސް، ފުލުހުންގެ ނިންމުން ބަދަލު ނުކުރުމުން، ރަޝީދުގެ ހަށިގަޑު ހޯދުމަށް އޭނާގެ އާއިލާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

މި މައްސަލާގައި ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުން މިއަދު ސިވިލް ކޯޓުގައި ބުނީ، ޕޯސްޓްމޯޓަމް ހަދަން ނިންމީ ގާނޫނާއި އެއްގޮތަށް ކަމަށާއި، ކޯޓުން އެކަން ހުއްޓުވަން އަމުރެއް ނެރެފިނަމަ، ހިނގަމުން އަންނަ ޖިނާއީ ތަހުގީގަށް ވަރަށް ބޮޑަށް ހުރަސްއެޅޭނެކަމަށެވެ.

ދެފަރާތުގެ ބަހަށްފަހު މި މައްސަލާގައި ސިވިލް ކޯޓުން ނިންމީ، ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން އިހުމާލުން މީހަކު މަރުވިކަމަށް ބެލެވޭ މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހަދަން ނިންމުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އެހެންކަމުން އާއިލާއިން އެދުނު ގޮތަށް ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ވަނީ ނިންމާފައެވެ.

ރަޝީދު ނިޔާވީ، ބަލަމުންދާ މައްސަލައަކާއި ގުޅިގެން ފުލުހުންގެ ހައްޔަރުގައި ހުއްޓާ ފިޓުޖެހޭފަދަ ކަންތައްތަކެއް ފެނިގެން އޭނާއަށް ފަރުވާ ދިނުމަށް ގދ. މަޑަވެލި ސިއްހީ މަރުކަޒަށް ގެންދިޔުމުގެ މަގުމަތީއެވެ.



ކިޔުންތެރިންގެ ހިޔާލު