މީގެ ކުރީގެ ސަރުކާރަކުން ނުގެންނަ ތަރައްގީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކަރުން އއ. މާޅޮހަށް ގެނެސްދެއްވަމުން އެބަ ގެންދަވާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން މިފަދައިން ބުނެފައިވަނީ، ރައީސް ޞާލިޙާއިއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި މާޅޮހުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުން ވަނީ ރަށުގައި މިހާރު ދެމުންދާ ސިއްހީ ހިދުމަތްތައް ތަރައްގީ ކުރަން ބޭނުންވާކަން ފާހަގަ ކޮށްފައެވެ.

އަދި ޒަމާނީ މިސްކިތެއް ތަރައްގީ ކުރުމަށް ބޭނުންވާ ކަމަށާއި، ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދިއުމަށާއި ރަށުގެ އާންމު ރައްޔިތުން ބޭނުންކުރުމަށް ބީޗެއް ބޭނުންވާކަމުގައި ކައުންސިލުންވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުންވެސް ލޯކަލް ޓޫރިޒަމް ހިންގުމަށް ހުރި ގޮންޖެހުންތައް ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.

ހަމަ އެއާއެކު ރަށުގެ ކުނި މެނޭޖުކުރުމަށް މިހާރު ބޭނުންކުރާ ވެހިކަލަށް މައްސަލަޖެހުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ރަށުގައި ފަންނީ ބޭފުޅުން ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި އެފަދަ ބޭފުޅުން ތަމްރީނުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައްވެސް މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރައީސް އާއި ހިއްސާ ކޮށްފައެވެ.

މީގެ އިތުރުންވެސް މި ބައްދަލުކުރެއްވުމުގައި އއ. މަތިވެރި ދާއިރާއަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކާއި މަތިވެރި ދާއިރާގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މާޅޮހު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ ކަންކަން ބައްލަވާނެ ކަމަށާ އަދި ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްގެ ބައްދަލުވުމުން ރަށަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ސަރުކާރަށް ފަސޭހަވެގެންދާކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މާޅޮހަށް މީގެކުރިން ކޮށްދެއްވަން ވިދާޅުވި ކަންކަމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާކަން ވަނީ ކައުންސިލުން ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު