މިދަނޑިވަޅުގައި މުދަލާއި ޚިދުމަތުގެ އަގުން ނަގާޓެކްސް ބޮޑުކުރުމަށް ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަމިއްލަ އެދުންފުޅަށްވުރެ ދިވެހި ގައުމާއި ރައްޔިތުން އިސްކުރަށްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޢީ ވިދާޅުވީ ސިޔާސީ ވިސްނުމަކުން ބަލާނަމަ މި ދަނޑިވަޅުގައި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ. ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮއްވައި ޓެކްސް ބޮޑުކުރުމަކީ އެމްޑީޕީއަށް އެންމެ މޮޅުގޮތަށް ނުވެދާނެ ކަމަށް ރާއީ ވިދާޅުވިއެވެ. އަދި މިދަނޑިވަޅުގައި ޓެކްސް ބޮޑުކުރަން ނިންމުމުން ރައީސް ސޯލިހަކީ އަމިއްލަ އެދުންފުޅަށްވުރެ ގައުމާއި ރައްޔިތުން އިސްކުރައްވާ ބޭފުޅެއްކަން ހާމަވެފައިވާ ކަމަށް ރާއީ ވިދާޅުވިއެެވެ.

"މިއީ އަދުގެ ރައީސުލްޖުމްހޫރިއްޔާ އަކަށް މޮޅެއް އޮތްކަމެއް ނޫން. އަދި ކުރިއަށް އަމުދުން ރިޔާސީ އިންތިޚާބު އޮވެ އެމްޑީޕީއަށްވެސް ސިޔާސީ ވިސްނުމަކުން ވިސްނާނަމަ އެހާ މޮޅު ގޮތަކަށް ނުވެދާނެ. ނަމަވެސް މިއީ ދިވެހި ރައްޔިތުންނަށް، ދިވެހި ޤައުމު އިސްމިކުރީ މިކަމުގައި." ރާއީ ވިދާޅުވިއެވެ.

މީގެއިތުރުން ރާއީ ވިދާޅުވީ ސަރުކާރުން ޓެކުހަށް ގެންނަ ބަދަލުގެ ހެޔޮ ނަތީޖާ ދެތިން މަހުން ނުފެނިދާނެ ކަމަށެވެ. އޭގެ ހެޔޮ ނަތީޖާ މީގެ ހަތަރު ފަސް އަހަރެއް ފަހުން ފެންނާނެކަމަށް މެންބަރު ރާއީ ވިދާޅުވިއެވެ.

"މީގެ ދިހަވަރަކަށް އަހަރު ފަހަށް ނޫނިއްޔާ ފަސްވަރަކަށް އަހަރު ފަހަށް ބަލާލާއިރު އަޅުގަނޑުމެންނަށް މިއަދު މިކަން ކުރެވުނީތީ އެދުވަހު އަޅުގަނޑުމެން އުފާވާނެ ކަމެއް މިއީ، އަޅުގަނޑުމެން އެ ވާހަކަ އެދުވަހު ދައްކާނެ ކަމެއް މިއީ މިކަން ކުރި ރައީސަށް އަދި މިކަން ކުރި ބޭފުޅުންނަށް އަޅުގަނޑުމެންގެ ތެރެއިން ޝުކުރުވެރިވާ ވަރުގެ ކަންތައް މި ހުންނަނީ." ރާއީ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު