ޓެކްސް ބޮޑުކުރުމާއި އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅު ހަދަނީ ސަރުކާރަށް ޖެއްސުންކޮށް އުނދަގޫ ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މުހައްމަދު ނާޝިޒު މިހެން ވިދާޅުވީ ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުންނެެވެ. މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ވިދާޅުވީ، ޓެކްސް ބޮޑުކުރުމާއި މެދު ސަރުކާރުގެ ސްޓޭންޑް އެނގިވަޑައިނުގަންނަވާ އެމްޑީޕީގެ އެއްވެސް މެމްބަރަކު ނުހުންނާނެ ކަމަށާއި އެޕާޓީގެ ހުރިހާ މެމްބަރުންނަށް ސަރުކާރުގެ ސްޓޭންޑް ރަނގަޅަށް އޮޅުންފިލާނެ ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ވިސްނުމާއި އެއްގޮތަަށް އެމްޑީޕީގެ ބައެއް މެމްބަރުން މަޖިލީހުގައި ކުރާ މަސައްކަތަކީ ސަރުކާރުން ކުރަން އުޅޭ ކަންކަމަށް އުނދަގޫ ކުރުން ކަމަށް ނާޝިޒް ވިދާޅުވިއެވެ.

"ސަރުކާރަށް އުނދަގޫ ކުރުމަށް އެއްވެސް ހަގީގަތެއް ނެތް އެކިއެކި ވާހަކަތައް ދައްކައި، އެކްސްޕާޓުން ވަކި އެއްޗެއް ވިދާޅުވެފައި އޮއްވާ އަމިއްލައަށް އެކިއެކި ގޮތްގޮތް ނެރެގެން. މިއީ އެހެން ކުރަން އުޅޭ ކަމެކޭ މިހެން ކުރަން އުޅޭކަމެކޭ މިކަމަކީ އެއީ އޭ މިއީ އޭ ކިޔައިގެން މިދައްކާ ވާހަކަތަކަކީ ސީދާ އަޅުގަނޑުމެންގެ ވާދަވެރިންނާއި ގުޅިގެން ސަރުކާރަށް ޖެއްސުން ކުރަން ކުރާ މަސައްކަތެއް،" އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ފިރިކަލުން ނާޝިޒް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޝިޒް ވިދާޅުވީ ޓެކްސް ބޮޑުނުކޮށްފިނަމަ، ރައްޔިތުންގެ ބޭނުންތަކަށް ހިންގަން ހަމަޖެހިފައިހުރި ޕްރޮޖެކްޓުތައް ހުއްޓާލަންޖެހޭނެކަމަށެވެ. އަދި އެކަން ނުކޮށްފިނަމަ މުސާރަތައް އެއްހަމަކުރުމަށް ކުރާ މަސައްކަތްތަކަށްވެސް އެކަމުގެ ސަބަބުން އަސަރު ކުރާނެކަމަށް ނާޝިޒް ވިދާޅުވިއެވެ.

ނާޝިޒް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސިޔާސަތު ބައްޓަންވެފައިވަނީ ރަށްރަށުގައިވެސް ރައްޔިތުންނަށްޓަކައި އިގުތިސާދީ އެތައް ހަރަކާތެއް ހިންގޭގޮތަށް ކަމަށެވެ. އެކަންކަން ހާސިލުކުރުމަށްޓަކައި ސަރުކާރުން ނިންމުންތަކެއްވެސް ނިންމަންޖެހޭކަމަށް ނާޝިޒް ވިދާޅުވިއެވެ.

ނާޝިޒް ވިދާޅުވީ އެމްޑީޕީގެ ބައެއް މެމްބަރުން ސަރުކާރަށް ޖެއްސުންކޮށް އުނދަގޫކުރުމުގެ މަގުސަދަކީ އަމިއްލަ ސިޔާސީ އެޖެންޑާއެއް ޕްރޮމޯޓްކޮށް ސިޔާސީ ގޮތުން ހާސިލްކުރަން ބޭނުންވާ ކަމެއް ކުރުން ކަމަށް ވެދާނެ ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ ކަންކަމުގައި އުޅޭއިރު އެންމެ ފުރަތަމަ އިސްކުރަންޖެހޭނީ ގައުމުގެ މަސްލަހަތާއި ރައްޔިތުން ކަމަށް ނާޝިޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ގައުމަށް ދިމާވެދާނެ ގޮންޖެހުންތައް އެސެސްކޮށް އެކަންކަމަށް ހަގީގަތުގައި ސަރުކާރުން އެކަނޑައަޅާ ސިޔާސަތުތަކާއި ސަރުކާރުން އެ ކުރަން ރާވާ ކަންކަމަށް ޖާގަ ދެވެން އެބަޖެހޭ. އަދި ބިނާކުރަނިވި ގޮތެއްގައި ކްރިޓިޒައިޒް ކުރިކަމުގައި ވީނަމަވެސް އެކަންކަމުގެ ރަނގަޅު ރީޒަން ކުރެވެން ޖެހޭ،" ނާޝިޒް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު