އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ނިންމުމަކީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން، އެންއައިސީއަށް އެކަނި ނިންމޭނެ ނިންމުމެއް ނޫންކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވެފައި މިވަނީ މިމަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ޕޯސްޓް މޯޓަމް، އާއިލާގެ ނުރުހުމުގައި ހަދަން ނިންމާފައިވަނިކޮށެވެ.

ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރާ މުއައްސަސާގެ ހައިސިއްޔަތުން އެންއައިސީން އާއިލާއަށް ފުރިހަމަ މައުލޫމާތުދީ، އިންސާފު ލިބޭނެކަން ޔަގީންކޮށްދޭން ޖެހޭކަމަށެވެ.

ނާޒިމް ވިދާޅުވީ ޕޯސްޓްމޯޓަމް ހަދަންޖެހެނީ ކީއްވެކަން އަބްދުﷲ ރަޝީދުގެ އާއިލާއަށް ރަނގަޅަށް ކިޔައިދެންޖެހޭކަމަށެވެ. އަދި ޕޯސްޓް މޯޓަމް ހަދަން ނިންމުމަކީ އެންއައިސީގެ ގާނޫނު އަދި ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން އެންއައިސީއަށް އެކަނި ނިންމޭނެ ކަމެއް ނޫންކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.



މިމަހުގެ 25 ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު އޮތީ އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭނާގެ ހަށިގަނޑު ހަވާލުކުރުމަށް އާއިލާއިން ތަކުރާރުކޮށް އެދޭއިރު ވެސް އެކަން ކޮށްފައެއް ނުވެއެވެ.

މި މައްސަލަ ތަހުގީގްކުރާ އެންއައިސީން ނިންމާފައިވަނީ މަރުގެ ހަގީގަތް ހޯދުމަށް ޕޯސްޓްމޯޓަމް ހަދާށެވެ.

ރައީސް ސާލިހު ވަނީ މި މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް ހޯމް މިނިސްޓަރަށް ލަފާ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު