ބަޣާވާތަށް ޖާގަ ނެތް ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ރީކޯ މޫސާ ޑރ. ޖަމިލަށް ބަހުގެ ހަމަލާތަކެއް ދެއްވީ، ރާއްޖެއާއި މޮރިޝަޝް އިމުގެ މައްސަލައިގައި ރައީސް ސާލިޙު ދެެއްކެވި ވާހަކަފުޅަށް ފާޑުވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

ރައީސް ސާލިޙު ވިދާޅުވެފައިވަނީ ރާއްޖެއާއި މޮރިޝަޝްގެ އިމުގެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ސަރުކާރުން ނިންމާފައި ނުވާނެ ކަމަށާއި ދެން ވެސް އެފަދަ ނިއްމުމެއް ސަރުކާރުން ނުނިއްމަވާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ ރައީސް ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި އެމަނިކުފާނު، ދެއްކެވީ ތާކުން ތާކު ނުޖެހޭ ވާހަކަފުޅެއް ކަމަށެވެ. އަދި ރާއްޖެ އާއި މޮރިޝަޝް އާއި އެއްބަސްވެގެން ރާއްޖޭގެ ސަރަހައްދު ދޫކޮށްލީ ކަމަށާއި ސިޔާދަތު ވިއްކިކަމަށް ސަރުކާރުން އިއުތިރާފްވެފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ ވެރިން ހަވަރަށް ދޭ ވަރަށް ދިވެހިންގެލޭ ހޫނުވެއްޖެ ކަމަށާއި މިއީ އެންމެ ބޮޑު އަދަބު ހައްގު ކުށް ކަމަށެެވެ.



ޑރ. ޖަމީލު ދެއްކެވި ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ ބަޣާވާތަށް ޖާގައެއް ނެތް ކަމަށާއި ރަނގަޅުވާނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް "ދޮންކޮށްގެން" ތިބުން ކަމަށެވެ. އަދި ކޮންމެ ރިޔާސީ އިންތިޚާބަކާއި ދިމާކޮށް ލޭ ހޫނުވެ އޮށްދާ ހިއްލާވަރަށް ހަވަރަށް ދޭން ގޮވުމަށްފަހު ޑރ.ޖަމީލް ތާއިދު ކުރާ ފަރާތް ވެރިކަމަށް ހޮވުމުން ދައުރުގެ މެދުތެރެއިން "މުޅޯށި" ހިފައިގެން ނުކުމެވަޑައިނުގަތުމަށް މޫސަ ވަނީ ޖަމީލަށް ގޮވާލައްވާފައެެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު، ޑރ.ޖަމީލް ފާހަގަކުރެވެނީ އޭނާތާއިދު ކުރާ ސަރުކާރެެއްގެ ވެރިކަމަށް އައުމަށްފަހު ދުވަސްކޮޅެއް ފަހުން އެސަރުކާރު ކަމުނުގޮސްގެން އެ ސަރުކާރާއި ވެރިމީހާއާއި ދެކޮޅަށް ނުކުމެ ފާޅުގައި މަސައްކަތް ކުރާ ބޭފުޅެެއްގެ ގޮތުގައެވެ.

އެގޮތުން ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް އެމްޑީޕީއާއެކު ބައިއަތު ހިއްޕަވައިގެން މަސައްކަތް ކުރަށްވައިގެން އެސަރުކާރު ވެރިކަމަށް އައުމުން މާގިނަ ދުވަސްތަކެއް ނުވެ ނުކުމެވަޑައިގެން ދެން މަސައްކަތްކުރެއްވީ އެސަރުކާރު ނިމުމަކަށް ގެނައުމަށެވެ. އެއަށްފަހު ރައީސް ޔާމިން ވެރިކަަމަށް ގެނައުމަށް އިސްކޮށް މަސައްކަތް ކުރެއްވުމަށްފަހު ޔާމިން ސަރުކާރު ބަދަލު ކުރުމަށް ޖަމީލް ވަނީ މަސައްކަތް ކުރަށްވާފައެެވެ.

އޭގެފަހުން ރައީސް ސާލިޙު ވެރިކަމަށް ވަޑައިގެންނެވިއިރު ޖަމީލް ހުންނެވީ ރައީސް ސާލިޙާއި އެކު އިދިކޮޅު ކޯލިޝަންގައެވެ. އެހެންނަމަވެސް ރައީސް ސާލިޙަށް ވެރިކަން ލިބިވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމަނިކުފާނު ސަރުކާރާއި ދެކޮޅަށް ނިކުމެވަޑައިގެން އިދިކޮޅު ޕީޕިއެމާއި ގުޅިވަޑައިގެން ރައީސް ޔާމިން އާއެކު އަނެއްކާވެސް ޖަމީލް ވަނީ ސިޔާސީ މަސައްކަތް ފައްޓަވާފައެެވެ. ޖަމީލަކީ ރައީސް ޔާމިންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލެވެ.



ކިޔުންތެރިންގެ ހިޔާލު