އައްޑޫއަތޮޅުގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި ކަންބޮޑުވުންތަކެއް ހުރިކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރްއެމުން ބުނެފިއެވެ.

ޗާގޯސް މައްސަލައިގައި ބަހުސް ކުރެވެމުންދާތާ ހަފުތާއެއްހާ ދުވަސްފަހުން އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއާ ފޯޅަވަހީގެ އިގުތިސާދީ ސަރަހައްދުން ފުށުއަރާ ކަމަށް ބުނާ ބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ދަނިކޮށް ރާއްޖެއަކީ ގައުމުތައް އަޅުވެތި ކުރުމާ ދެކޮޅަށް ވޯޓުދޭ ގައުމެއް ނޫން ކަމަށް ދައްކަން އދ. ގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓް ދޭން ނިންމުމުން ކަންބޮޑުވާ ކަމަށެވެ.

އަދި ރާއްޖެއަކީ އަޅުވެތި ކުރުމާއި ދެކޮޅަށް އަބަދުވެސް ވޯޓު ދެމުން އައި ގައުމެއްކަމަށާ އެ ސިޔާސަތަކީ ހަމައެކަނި މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނީ، ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ގެންދިޔަ ސަބަބަކީ އިނގިރޭސީންގެ އަތް ދަށުން މޮރިޝަސް މިނިވަންވިއިރު ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ކަމަށް ނުވާތީ އާއި ފޯޅަވަހި މޮރިޝަސްގެ ދަށަށް ހިނގައްޖެ ނަމަ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ކުޑަވެ އިގުތިސާދީ ސަރަހައްދުން ރާއްޖެއަށް ލިބެންވާ ގުދްރަތީ ވަސީލަތްތަކަށް ވެސް އުނިކަން ލިބޭނެތީ ކަމަށެވެ.

މީގެ އިތުރުން ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް އިމުގެ ސަރަހައްދު ފުށުއަރާ ސަރަހައްދާ ދޭތެރޭގައި ގޮތެއް ހޯދުމަށްޓަކައި އިނގިރޭސިވިލާތާ އެކީގައި 1992 ވަނަ އަހަރު މަޝްވަރާކޮށް އެއްބަސްވެފައި އެބަ އޮތް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާތީ އެކަން ވެސް ބަޔާނުގައި ވަނީ ދޮގުކޮށްފައެވެ. އެ ޕާޓީން ބުނީ މީގެ ކުރިން ދިވެހި ދައުލަތުން ހާއްސަ އިގުތިސާދީ ސަރަހައްދަށް އުނިކަމެއް އަންނަ ގޮތަކަށް އެއްބަސްވެ ސޮއިކޮށްފައި ނުވާނެ ކަމަށެވެ.

ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނަ ތަނެއް ކަމަށް އައިސީޖޭ އިން އދ. އަށް ލަފާ ދީފައި ވަނިކޮށް 2019 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓު ދިނުމަށް ފަހު އެ ސިޔާސަތު ބަދަލުވިއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެ ޕާޓީއާއި މަޝްވަރާ ކޮށްފައި ނުވާކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން މިފަދަ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދާފައި ނުވުމާއި، އަދި ކަމާގުޅޭ މާހިރުން ރާއްޖޭގައި ވެސް ތިބިއިރު އެމީހުންނާއިވެސް މަޝްވަރާ ނުކުރިކަން ކުށްވެރިކޮށްފައިވެއެވެ.

"އެކަން އެހެން އޮތްއިރު 2019 ގައި މޮރިޝަސްގެ ސިޔާދަތު ފޯޅަވަހީގެ މައްޗަށް އޮތުމާ ދެކޮޅަށް ވޯޓު ދިނުމަށް ފަހު އެސިޔާސަތު ބަދަލުވި ސަބަބު ހާމަވެފައި ނެތުމުން އޭގެ އަޑީގައި ކަންތައްތަކެއް ވާނެ ކަމަށް ރައްޔިތުން ދެކޭތީ ކަންހިނގާ ދިޔަ ގޮތް ހާމަކުރުން މުހިންމު ކަމަށް އެމްއާރްއެމުން ދެކެމެވެ،" ބަޔާނުގައި ވެއެވެ.

އެމްއާރްއެމުން ވަނީ އެ ނިންމުން ބަދަލު ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު