ޢަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ރައީސް ގެންދަވަނީ ގާތުން ބައްލަވަމުންކަމަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވި ޢަބްދުﷲ ރަޝީދު މަރުވި ޙާދިސާގައި ކަން ހިނގައި ދިޔަ ގޮތް އިންސާފުވެރިކަމާއެކު، ރަނގަޅަށް ތަހުގީގުކުރުމަށް އިރުޝާދު ދެއްވައި، ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲއާ ރައީސުލްޖުމްހޫރިއްޔާ ވަނީ ވާހަކަފުޅު ދައްކަވާފައިކަމަށެވެ. އަދި މިމައްސަލައިގައި ކަން ހިނގަމުން އަންނަ ގޮތް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ގާތުން ބައްލަވަމުންކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ގދ. ހޯނޑެއްދޫ، ސްވެން ޢަބްދުﷲ ރަޝީދު މަރުވެފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އެނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުއްޓައެވެ.

ފުލުހުން ވިދާޅުވީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ތަޙުޤީޤުކުރަމުންދަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުންކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ގދ.ހޯނޑެއްދޫ، ސްވެން ޢަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގެ މަޢުލޫމާތާއި އެންމެހާ މުޢާމަލާތްތައް ދެން ކުރަމުންދާނީ ނޭޝަނަލް އިންޓެގަރިޓީ ކޮމިޝަނުން ކަމަށެވެ.

ފުލުހުން މީގެކުރިން ބުނެފައިވަނީ ޢަބްދުالله ރަޝީދު ހައްޔަރުކުރުމުގައި ޙަރަކާތްތެރިވި ފުލުހުން ބޮޑީ ކެމެރާ ބޭނުން ނުކުރާ ކަމަށެވެ.

ޢަބްދުﷲ ރަޝީދު ނިޔާވީ، ފުލުހުން އޭނާ ހައްޔަރު ކޮށްގެން ގެންގޮސް ލޯންޗެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ. އަދި އޭނާ ހައްޔަރު ކޮށްގެން ގެންދިޔައިރު ވެސް އޭނާގެ މެޔަށް ތަދުވާކަމަށް ބުނަމުން ދިޔަކަމަށާއި އެހެންނަމަވެސް، އެކަމަށް ފުލުހުން އެއްވެސް ވަރަކަށް ސަމާލުކަން ދީފައި ނުވާކަމަށް ޢާއިލާއިން ތުހުމަތުކުރެއެވެ.

ޢަބްދުالله ރަޝީދުގެ މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ގެންދާނެކަމަށް ހޯމް މިނިސްޓްރީންވެސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު