ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމަށް ޝައްކު ކުރެވޭ މީހެއްކަމަށާއި އޭނާ މަރުވުމަކީ ހިތާމަައެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިހެން ވިދާޅުވީ ފުލުހުންގެ ހައްޔަރަށް މިމަހުގެ 25 ވަނަ ދުވަހު ގެންދިޔަ މީހަކު ފުލުހުންގެ އިހުމާލުން ނިޔާވިކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.



ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރުވި ހޯޑެއްދޫ، ސްވެން އަބްދުﷲ ރަޝީދަކީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރެވުނު މީހެއްކަމަށެވެ. އަދި ޢަބްދުﷲ ރަޝީދު ފުލުހުންގެ ހައްޔަރަށް ގެނެވިފައިހުއްޓާ ނިޔާވުން އެއީ ވަރަށް ހިތާމަވެރިކަމެއްކަމަށާއި ފުލުހުންގެ އިހުމާލެއް އޮތްތޯބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެވޭނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ މިމައްސަލައާައި ގުޅިގެން ހައްޔަރުކުރެވުނު އެހެން ފަރާތަކުން ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލައި ފޮރުވާފައި ހުރި ގިނައަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ޓީމުން ވަނީ ހޯދާފައިކަމަށެވެ. އަދި ގދ. ހޯޑެއްދޫގެ އެހެނިހެން ތަންތަން ކުރިއަށް އޮތްވަގުތުތަކުގައި ފުލުހުން ބަލާފާސްކުރާނެކަމަށްވެސް ހަމީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު