ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު މެއަށް ތަދުވާތި އުޅުނު ވަގުތު އޭނާއަށް އެހީތެރިވެދޭން އުޅުއްވިކަމަށާއި ނަމަވެސް ފުލުހުން ބުނީ އޭނާ "އޯކޭ" ކަމަށް ކަމުގައި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެެވެ.

މިމަހުގެ 25 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯޑެއްދޫއިން ހައްޔަރުކުރި އަބްދުﷲ ރަޝީދު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެފައެވެ.

އެރަށުގެ ގިނަ ބަޔަކު އަދި އާއިލާއިން ތުހުމަތުކުރާ ގޮތުގައި އޭނާ ނިޔާވީ ހޮސްޕިޓަލަށް ގެންގޮސްދޭން އާދޭސްކުރުމުންވެސް ފުލުހުން އޭނާއަށް އިހުމާލުވުމުންނެވެ.

ހޯޑެއްދޫ މީހުންނާއި އަބްދުﷲ ރަޝީދުގެ އާއިލާއިން ދައްކާ ވާހަކަތަކަށް ބާރު ލިބޭ ގޮތަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވަނީ ވާހަކަ ދައްކަވާފައެވެ.

ފިރުޝާން ވިދާޅުވީ އެ ހާދިސާ ހިނގިއިރު އޭނާ ހުރީ އެ ސަރަހައްދުގައިކަމަށެވެ. އަދި އަބްދުﷲ ރަޝީދުގެ މެޔަށް ތަދެއް އަރައިގެން ހޮސްޕިޓަލަށް ގެންގޮސްދޭން އެދި އާދޭސްކުރުމުންވެސް ފުލުހުން އަޅާނުލިކަމަށް މެމްބަރު ފިރުޝާން ވިދާޅުވިއެވެ. އަދި ފުލުހުން ބުނީ "މަރަށް ތެޅެމުން ދިޔަ މީހާ" "އޯކޭ"ކަމަށް ކަމުގައި ވެސް ފިރުޝާން ވިދާޅުވިއެވެ.



ރަޝީދުގެ އާއިލާއިން އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެމުން އާއިލާއިން ބުނީ ބޭނުންވަނީ އޭނާގެ ހަށިގަނޑު ކަމަށާއި، އޭނާގެ ހަށިގަނޑު އާއިލާއާއި ހަވާލު ކުރުމަށް ތަކުރާރުކޮށް ފުލުހުން ގާތު އެދިފައިވާނޭ ކަމަށެވެ.

ނަމަވެސް، ހޯމް މިނިސްޓަރު އިމްރާން އިއްޔެ ބައްދަލު ކުރުމަށްފަހު ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހަދައިފިނަމަ، ހަށިގަނޑާ ހަވާލުވާން އާއިލާއިން ބޭނުންނުވާ ކަމަށް ބުނެފައިވާނޭކަމަށްވެސް އާއިލާއިން ބުންޏެވެ.

ރަޝީދުގެ އަނބިމީހާ ވެސް ބުނީ، މި މައްސަލާގައި ފުލުހުން އާއިލާއަށް މިކަމުގެ އެންމެ ރަނގަޅު މައުލޫމާތު ދީފައި ނުވާކަމަށެވެ. އަދި "އަނދިރީގައި ބައިތިއްބައިގެން" ޕޯސްޓްމޯޓަމް ހަދަން ގަބޫލު ނޫންކަމަށް ވެސް އޭނާވެސް ބުންޏެވެ.

އޭނާ ބުނީ، މަރުގެ މައްސަލާގައި އެއްވެސްތާކު މައްސަލަ ނުޖައްސާނެކަން ފުލުހުންގާތު ބުނެފައިވާނޭކަމަށާއި އެހެންކަމުން ހަށިގަނޑު އާއިލާއާއި ހަވާލުކުރަން އެދެމުންދާ ކަމަށެވެ.

ޢަބްދުﷲ ރަޝީދު މަރުވީ ގދ. މަޑަވެލި ސިއްހީ މަރުކަޒަށް ގެންދިއުމުގެ ކުރިންނެވެ. ރަޝީދުގެ ހަށިގަނޑު މިވަގުތުވެސް އޮތީ މާލޭ މޯޗަރީގައެވެ.



ކިޔުންތެރިންގެ ހިޔާލު