ކުރީ ސަރުކާރުތަކުގައި ވައްކަންކޮށްގެން ކަޓު ދީގެން މަޝްރޫއުތައް ހިންގިނަމަވެސް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަކީ އެފަދަ ކަމެެއް ކުރައްވާނެ ބޭފުޅެއް ނޫންކަމަށާއި އެގޮތަށް ޕްރޮޖެކްޓް ހިންގަން މިހާރުގެ ރައީސަށް އެނގިވަޑައި ނުގެންފާނެ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.

ނާޝިޒު މިހެން ވިދާޅުވެފައި މިވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުއަކީ ތަރައްގީގެ މަސައްކަތްތައް ހިންގަން ނޭނގޭ ބޭފުޅެއްކަމަށް ވިދާޅުވެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދެއްކެވެމުންނެވެ.

ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ނާޝިޒު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި އުފެއްދިސަދަން ޔުޓިލިޓީ ކުންފުންޏަކީ އިލްޔާސް ލަބީބުގެ އާއިލާއަށް ނިސްބަތްވާ ކުންފުންޏެއްކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ޕްރޮޖެކްޓްތައް ހުއްޓިފައިވަނި އަމިއްލަ މަންފާތަކެއް ހޯދަން އުޅެގެންކަމަށް ނާޝިޒު ވިދާޅުވިއެވެ.

"އައްޑޫގައި އޮތް ސާކް ސަމިޓަށްވެސް އެންމެ ގިނަ މަޝްރޫއުތަކަކުން ފައިދާ ވާނީ އެ ބޭފުޅާގެ އާއިލީ ކުންފުންޏަށް. ސާކް ސަމިޓް ގާތްވެގެން އައިއިރު އެއްވެސް މަސައްކަތެއް ނިމުނީއެއް ނޫން. އެންމެފަހުން ސިފައިން ގެންގޮސްގެން ނުކައި ނުބޮއެ ތިބެ އެ މަސައްކަތް ކުރަން ޖެހުނީ. މިގޮތަށް ޕްރޮޖެކްޓްތައް ހިންގަން ރައީސް ސާލީހަށް ނޭނގުނިއްޔާ ރަނގަޅީ." ނާޝިޒު ވިދާޅުވިއެވެ.

"ރައީސް ނަޝީދުގެ ސަރުކާރުގައި ރިސޯޓްތައް ދިނުމަށްފަހު މަސައްކަތްތައް ހަވާލުކޮށްފައިވަނީ. ނަމަވެސް އެ ބޭފުޅުންގެ މީހުންނަށް ރިސޯޓްތައް ލިބުނުއިރު އޭގެ ބަދަލުގައި ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނެތް ކޮށްފައެއް. މި ސަރުކާރުން އެގޮތަށް ރިސޯޓްތަކެއް ނުބަހާނެ." ނާޝިޒު ވިދާޅުވިއެވެ.

ނާޝިޒު ވަނީ އައްޑޫ އާއި ފުވައްމުލަކުގައި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް އިލްޔާސް ލަބީބުގެ ގާތް ބޭފުޅުން ތިއްބެވި ސަދަން ޔުޓިލިޓީސް ކުންފުނިން އަމަލުކޮށްފައިވާ ގޮތަށްވެސް އަލިއަޅުއްވާލައްވާފައެވެ.

"އައްޑޫއާއި ފުވައްމުލަކުގައި ނަރުދަމާ އަޅަން ސަދަން ޔުޓިލިޓީ ކުންފުނިން ވަނީ 42 މިލިއަން ޑޮލަރަށް ހަވާލުކޮށްފައި. އެކަމަކު ސާކް ސަމިޓާއި ހަމައަށް ކައިރިވެގެން ދިޔައިރު އެއްބަސްވުމުގެ ދަށުން ފައިސާއެއްވެސް ހަމައެއް ނުޖެހުނު. މަސައްކަތެއް ނުވެސް ފެށުނު. ނަމަވެސް އޭރު ސަރުކާރުން ނިންމީ 15 މިލިއަން ޑޮލަރު އެ ޕްރޮޖެކްޓަށް އިންޖެކްޓް ކުރަން. ނަމަވެސް އެ ފައިސާ ހަމަނުޖެހެނީސް އެ 15 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން އޭގެ ތެރެއިން މޮބިލައިޒޭޝަން ފީ 16 މިލިއަން ރުފިޔާ، 3.15 މިލިއަން ޑޮލަރު ޑިޒައިންނިން މަސައްކަތަށް. ފެންވަރު ރަނގަޅު ރިސޯޓެއްގައި ވެސް މިކަހަލަ ކަންކަން ޑިޒައިން ކޮށްލަން 5 ލައްކަ ޑޮލަރަށްވުރެ ބޮޑެއް ނުވާނެ." ނާޝިޒު ވިދާޅުވިއެވެ.

ނާޝިޒު ވިދާޅުވީ ހިތަދޫ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއަށް 2.5 މިލިއަން ޑޮލަރު ހަރަދުކުރިއިރު ހިތަދޫ ސީވޭޖް ނެޓްވޯކް ގާއިމްކުރުން 4.9 މިލިއަން ޑޮލަރު ބަޖެޓް ކުރި ކަމަށެވެ. އެހެންނަމަވެސް ނިމިފައި ހުރީ މަސައްކަތަށް ބަލާއިރު 2.5 މިލިއަން ޑޮލަރުގެ އަގެއްވެސް ނުހުންނާނެކަމަށް ނާޝިޒު ފާހަގަކުރެއްވިއެެވެ.

ނާޝިޒު ވިދާޅުވީ ސަދަން ޔުޓިލިޓީސްއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށާއި ދެން އައި ސަރުކާރުތަކުން ޖެހުނީ ބޮޑެތި ހަރަދުކޮށްގެން އަނެއްކާވެސް މަޝްރޫއުތައް ހިންގުމަށް ކަމަށެވެ.

"ދެން އައި ސަރުކާރުން 112 މިލިއަން ހަރަދުކުރަން ޖެހުނު ހިތަދޫ ފެނާއި ނަރުދަމާ އަޅަން. މަރަދޫ އާއި މަރަދޫފޭދޫގެ ކަންކަމަށް 200 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ހަވާލު ކުރެވުނު. ހުޅުމީދޫ ގައި ފެނާއި ނަރުދަމާ އަޅަން އިތުރު 70 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވި. ފުވައްމުލަކުގެ ފެނާއި ނަރުދަމާއަށްވެސް މިގޮތަށް ވަނީ ހަރަދުކޮށްފައިި." ނާޝިޒު ވިދާޅުވިއެވެ.

ނާޝިޒު ވިދާޅުވީ ރައީސް ސާލިހަށް މަސައްކަތެއް ނުކުރެވޭކަމަށް ބުނެ އިލްޔާސް ލަބީބު ވާހަކަ ދައްކަވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ހިންގި ދޯހަޅި ސިސްޓަމަށް ކަންކަން ނުކުރާތީކަމަށް ވެދާނެކަމަށެވެ. ނަމަވެސް ރާއްޖެއަށް ރަނގަޅީ ސަރުކާރާއި ރައީސަށް އެގޮތަށް ކަންކަން ކުރަން ނޭގުނިއްޔާކަމަށްވެސް ނާޝިޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު