ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުއްލި ގޮތަކަށް މަރުވި އަޙްމަދު ރަޝީދުގެ އާއިލާއިން ބޮޑެތި ކަންބޮޑުވުންތަކެއް ހާމަކޮށްފިއެވެ.

މޯޗަރީ ކައިރީތިބެ އާއިލާއިން މިއަދު ވަނީ ނޫސްވެރިންނަށް މައުލޫމާތު ދީފައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެމުން ރަޝީދުގެ މަންނަ ބުނީ، އާއިލާއިން ބޭނުންވަނީ އޭނާގެ ހަށިގަނޑު ކަމަށާއި، އޭނާގެ ހަށިގަނޑު އާއިލާއާއި ހަވާލު ކުރުމަށް ތަކުރާރުކޮށް ފުލުހުން ގާތު އެދިފައިވާނޭ ކަމަށެވެ.

ނަމަވެސް، ހޯމް މިނިސްޓަރު އިމްރާން އިއްޔެ ބައްދަލު ކުރުމަށްފަހު ހަށިގަނޑުގެ ޕާސްޕޯޓަމް ހަދާނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހަދައިފިނަމަ، ހަށިގަނޑާ ހަވާލުވާން އާއިލާއިން ބޭނުންނުވާ ކަމަށް ބުނެފައިވާނޭކަމަށް އޭނާ ބުންޏެވެ.

ރަޝީދުގެ އަނބިމީހާ ވެސް ބުނީ، މި މައްސަލާގައި ފުލުހުން އާއިލާއަށް މިކަމުގެ އެންމެ ރަނގަޅު މައުލޫމާތު ދީފައި ނުވާކަމަށެވެ. އަދި "އަނދިރީގައި ބައިތިއްބައިގެން" ޕޯސްޓްމޯޓަމް ހަދަން ގަބޫލު ނޫންކަމަށް ވެސް އޭނާވެސް ބުންޏެވެ. އޭނާ ބުނީ، މަރުގެ މައްސަލާގައި އެއްވެސްތާކު މައްސަލަ ނުޖައްސާނެކަން ފުލުހުންގާތު ބުނެފައިވާނޭކަމަށާއި އެހެންކަމުން ހަށިގަނޑު އާއިލާއާއި ހަވާލުކުރަން އެދެމުންދާ ކަމަށެވެ.

އޭނާ ބުނީ، ރަޝީދަކީ ދުވަހަކުވެސް މަސްތުވާ އެއްޗެއްގެ މައްސަލައެއްގައި ތުހުމަތު ކުރެވުނު މީހެއް ނޫން ކަމަށާއި، އެފަދަ ކަމެއް އޭނާ ނުކުރާނެކަން ޔަގީން ކަމަށެވެ.

ރަޝީދު ތިބި ތިން ކުދިންގެ ތެރޭގައި އަށާރަ އަހަރުވެފައިވާ ހަމައެކަނި އަންހެން ދަރިފުޅުވެސް ނޫސްވެރިންނާ ވާހަކަ ދެއްކިއެވެ. އޭނާ ބުނީ، ވެގެން އުޅޭގޮތް ސާފު ނުވާ ކަމަށާ، އިއްޔެއިއްސުރެ މޯޗަރީކައިރީ ތިބިއިރު އަދި ބައްޕަގެ މޫނު ނުފެންނަ ކަމަށެވެ.

އާއިލާއިން މިހެން ބުނިނަމަވެސް، ފުލުހުން ގެންދަނީ މިކަމުގެ ހާއްސަ ތަހުގީގެއް ކުރަމުންނެވެ. އަދި މިކަމުގައި ފުލުހުންގެ އިހުމާލެއް އޮތްނަމަ އެ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަސް ނުޖެހޭނެކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.

ޢަބްދުﷲ ރަޝީދު މަރުވީ ގދ. މަޑަވެލި ސިއްހީ މަރުކަޒަށް ގެންދިއުމުގެ ކުރިންނެވެ. ރަޝީދުގެ ހަށިގަނޑު މިވަގުތުވެސް އޮތީ މާލޭ މޯޗަރީގައެވެ.



ކިޔުންތެރިންގެ ހިޔާލު