ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމާއި އިމުގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައްކަވާ ވާހަކަފުޅު ތެދުކަމަށް ހެކިވެވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ރާއްޖެއާއި މޮރިޝަޝްގެ އިމުގެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ސަރުކާރުން ނިންމާފައި ނުވާނެ ކަމަށާއި އެއާއި ދެކޮޅަށް ވާހަކަ ދައްކަނީ ސިޔާސީ ބޭނުމެއްގައި ހަގީގަތް އޮޅުވާލަން ވެގެން ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެެވެ.

އެކަމާ ގުޅިގެން ރަސްއޮންލައިނުން ޝާއިއު ކުރި ޚަބަރެއް ޓުވިޓާގައި ހިއްސާކުރައްވަމުން މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރަައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ ބަޔަކު ކިތަންމެ ނުރުހުނަސް ރައީސް ސޯލިހު ވިދާޅުވީ ތެދު ބަސްފުޅެއް ކަމަށް އިމްރާން ހެކިވެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި މޮރިޝަސް އާއި ރާއްޖޭގެ އިމުގެ މައްސަލަ ހިނގަމުންދާ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށް އިމްރާން ވިދާޅުވިއެވެ.



ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުން ލިބޭފަދަ އެއްވެސް ނިންމުމެއް މި ސަރުކާރުން މިހާތަނަށް ވެސް ނިންމާފައިނުވާނެ ކަމަށާއި ދެން ވެސް އެފަދަ ނިންމުމެއް ނުނިންމަވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މޮރިޝަޝް މައްސަލައިގައި ރާއްޖެއިން ދަމަހައްޓަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ އަމިއްލަ މަންފާތަކެއް ހާސިލްކުރުމަށް ކަނޑައެޅިގެން އެނގި ތިބެ އެމައްސަލައާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިކަމުގައި ވެސް ވަކި މީހެއްގެ އަމިއްލަ ބޭނުމަށް ނޫނިއްޔާ ވަކި ބަޔެއްގެ އަމިއްލަ ބޭނުމަށް ނުވަތަ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް އަދި ކަމުގެ ހަގީގަތް އެނގިތިބެ ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރަމުންދިޔުމަކީ ވަރަށް ދެރަ މައްސަލައެއް، އެފަދަ ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ އެއަށްވުރެ މާ ބޮޑަށް ހިތާމަހުރިކަމެއް،" ރައީސް ސާލިޙު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު