ސަރުކާރާއި ދެކޮޅަށް ސިޔާސީ ބޭނުމަށް ދައްކާ އަސްލެއް ނެތް ވާހަކަތައް ގަބޫލުކުރާނީ މަދުބައެއްކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ ފޯޅަވަހީގެ މައްސަލައާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

މަހްލޫފް ވިދާޅުވީ ފޯޅަވައްސާއި ދިވެހި ސަރުކާރާއި ގުޅޭގޮތުން ފަތުރަމުންދާ ފިތުނަވެރި ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރޭ ދެއްވި ޖަވާބުން، ހަގީގަތް ވަރަށް ސާފުކަމަށެވެ. އަދި މިސަރުކާރުން އެންމެ އިންޗިއެއްވެސް ދޫނުކުރާނެކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ސަރުކާރާއި ދެކޮޅަށް ސިޔާސީ ބޭނުމަށް ދައްކާ އަސްލެއް ނެތް ވާހަކަތައް ގަބޫލުކުރާނީ މަދުބައެއްކަމަށެވެ.



ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުން ލިބޭފަދަ އެއްވެސް ނިންމުމެއް މި ސަރުކާރުން މިހާތަނަށް ވެސް ނިންމާފައިނުވާނެ ކަމަށެވެ.

"ޗާގޮސް މައްސަލައިގައި ވެސް އަދި ޚާރިޖީ ދާއިރާއާއި ގުޅޭ އެހެންކަމެއްގައި ވެސް ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭފަދަ ނިންމުމެއް މި ސަރުކާރަކުން މިހާތަަނަށް ވެސް ނިންމާފައެއް ނޯއްނާނެ، އަދި ދެން ވެސް އެފަދަ ގެއްލުމަކަށް މި ސަރުކާރުން ޖާގައެއް ނުދޭނަން،" ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ، ރާއްޖެ އާއި މޮރިޝަޝްއިން މި މައްސަލަ ހައްލުކުރުމަށް 1992 ވަނަ އަހަރު އޭރުގެ ސަރުކާރުން އިނގިރޭސިވިލާތާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެ މަޝްވަރާތަކުން އެއްބަސްވީ ފުށުއަރާ ސަރަހައްދު ދެ ޤައުމަށް ހަމަހަމައަށް ބެހުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި އޭގެ ފަހުން 2011 ވަނަ އަހަރު އޭރުގެ ސަރުކާރުން މޮރިޝަސް ސަރުކާރާއެކު މި މައްސަލަ ހައްލު ކުރުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޭރު އެއްބަސްވީ ވާހަކަ ދައްކައިގެން ފުށުއަރާ ސަރަހައްދުގެ މައްސަލަ ހައްލު ކުރުމަށްކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ މޮރިޝަޝް މައްސަލައިގައި ރާއްޖެއިން ދަމަހައްޓަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ އަމިއްލަ މަންފާތަކެއް ހާސިލްކުރުމަށް ކަނޑައެޅިގެން އެނގި ތިބެ އެމައްސަލައާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު