އިސްލާމް ދީނުގައި ބަޔާންކޮށްދީފައިވާ ގޮތްތަކަށް ދިރިއުޅުން ބައްޓަންކުރަން މިއަދު އަޒުމު ކަނޑައަޅަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ، މިއަދު އާ އަޒުމެއް ކަނޑައަޅަން ޖެހިފައިވާ ކަމަށެވެ. އެގޮތުން، މާތްވެގެންވާ އިސްލާމް ދީނުގައި ދެއްވާފައިވާ އިރުޝާދުތަކާއި އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރަން އަޒުމު ކަނޑައަޅަން ޖެހޭ ކަމަށާއި، އެކަކު އަނެކަކަށް އިހުތިރާމު ކުރުމަށާއި ކުޑަކުދިންނަށް އޯގާތެރިކޮށް ހިތުމާއި ބޮޑެތި މީހުންނަށް ކަމޭ ހިތުމަށާއި އަދި ދޭދޭ މީހުންނާއި މުއާމަލާތް ކުރާއިރު ރީއްޗަށް މުއާމަލާތް ކުރުމަށް އަޒުމު ކަނޑައަޅަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިފަދަ ދުވަހެއް ފާހަގަ ކުރާއިރު، އެކަކު އަނެކަކާ މުއާމަލާތް ކުރެވޭ ގޮތާއި މެދު ވިސްނާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ރަސޫލާގެ ސީރަތުން ފެންނަންހުރި އެފަދަ އަހުލާގުތަކުގައި ހިފެހެއްޓުމަށް ވެސް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅުވައިގެން މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިރޭގެ ޖަލްސާގައި ދުވަހާއި ގުޅުވައިގެން ހާއްސަ ދުއާއެއް ކުރުން ވެސް އޮތެވެ.



ކިޔުންތެރިންގެ ހިޔާލު