ރައްޔިތުންގެ މަޖިލީހުގެ މެންބަރުނަން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސައީދު ބިރުދައްކާކަމަށް ބުނެ ފަތުރާ ވާހަކައަކީ ދޮގެއްކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނަކަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސައީދު، ވަޓްސްއެޕް ގްރޫޕެއް ހަދައިގެން އެމްޑީޕީގެ މަޖިލީސް މެމްބަރުންނަށް ބިރުދައްކަމުންދާ ކަމަށް، މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ އިބްރާހީމް ރަޝީދު ވިދާޅުވެފައިވާ ވާހަކަ އަކީ އެއްވެސް ހާލަތެއްގައި އެއްވެސް މިންވަރެއްގެ ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.

އެގޮތުން ތުހުމަތުކޮށްފައިވާ ވަޓްސެޕް ގްރޫޕަކީ ވުޖޫދުވެފައި ވެސް ނުވާ ގްރޫޕެއް ކަމަށްވާއިރު، ސައީދުގެ ފަރާތުން އެފަދަ ވަޓްސް އެޕް ގްރޫޕެއް ނުވަތަ އެ ނޫން އެފަދަ އެހެން ޕްލެޓް ފޯމެއްގައިވެސް، އެއްވެސް މަޖިލީސް މެމްބަރަކަށް ނުވަތަ އެނޫން ފަރާތަކަށް ވިޔަސް، އެއްވެސް ސިފައެއްގައި ނުފޫޒު ފޯރުވައި ބިރުދައްކައި ހެދުމުގެ ގޮތުން މިހާތަނަށް މުއާމަލާތެއް ކޮށްފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ، ކުންފުނީގެ މަސައްކަތްތައް ރޭވި  ބައްޓަންކުރެވިފައިވަނީ، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުތަކުގެ މައްޗަށް ހާމަކަން ބޮޑު ދެފުށް ފެންނަ ގޮތަކަށް ކަމަށާއި އެ ކުންފުނިން ވަޒީފާ ދިނުމުގައްޔާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެއްވެސް ސިޔާސީ ނުވަތަ ޒާތީ ނުފޫޒެއް ނުހިމެނޭނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

އެހެންކަމުން، މިފަދަ ހަގީގަތެއް ނެތް ވާހަކައެއް ފެތުރުމުގެ ހަމައެކަނި މަގުސަދަކީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އަބުރު ނަގާލުމާއި، އާންމުންގެ އިތުބާރާއި ކުންފުންޏާއި ދޭތެރޭ ރައްޔިތުން ދެކޭ ތަސައްވަރު ކިލަނބު ކޮށްލުންކަމަށާއި އެކަން އެގޮތަށް ނުކުރުކުރުމަށް ފެނަކައިން ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު