މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ކުރިއަށް ގެންދަނީ މަސައްކަތް ދެފަހަރަށް ކުރަން ނުޖެހޭގޮތަށް ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިހެން ބުނީ، އައްޑޫ ސިޓީގައި، އިންޑިއާގެ އެފްކޮންސްއިން ކުރިއަށް ގެންދާ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާގޮތާއި ގުޅޭގޮތުން ބައެއް ސިޔާސީ ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއި ގުޅިގެންނެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ފެންވަރު ބެލުމުގެ އިންތިޒާމު އޮންނަނީ ހަމަޖެހިފައި ކަމަށާއި މަޝްރޫއުތަކާއި ގުޅިގެން ޝަކުވާތަކެއް ހުރިނަމަ އެކަންކަމަށް އެޑްރެސްކުރެވި ހައްލު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި ފެނާއި ނަރުދަމާގެ ނިޒާމު ނިމޭއިރު އަނެއްކާ އިތުރަށް ކޮންނާކަށް ނުޖެހޭނެ، މަގުތައްވެސް އަނެއްކާ އަލުން ހައެއްކަފަހަރު ކޮންނާކަށް ނުޖެހޭނެ. އިރާދަކުރެއްވިއްޔާ ރަނގަޅަށް ދާނީ." މިއުވާން ވިދާޅުވިއެވެ.

މިއުވާން މިފަދައިން ވިދާޅުވިއިރު، އައްޑޫގެ މަގުހެދުމުގެ މަސައްކަތް އެފްކޮންސްއިން ކުރިއަށް ގެންދާގޮތާއިމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި އެމްއެންޕީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު