އިބްރާހިމް ފަހީމް   26 އޮކްޓޯބަރު 2022 - 17:37
މޯލްޑިވްސް ނެޝަނަލް ޕާޓީގެ ވެރިކަމެއްގައި ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ އަހަރީ ދުވަހާއި ގުޅުވައިގެން އިއްޔެރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އެކިއެކި ސޮފްޓްވެއަރތައް ތައްޔާރުކުރާ ވަރަށް ގިނަ ޒުވާނުން އެބަތިބި ކަމަށެވެ. ނަމަވެސް އެ ޒުވާނުންގެ ސޮފްޓްވެއަރ ވިއްކާލައިގެން ޕޭޕަލްފަދަ ތަންތަނުން ލިބޭ ފައިސާ ރާއްޖެ ގެނެވޭނެ ގޮތެއް ނޯންނަކަމަށާއި، ރާއްޖޭގެ ބޭންކިން ނިޒާމަކަށް އޮތީ ވަރަށް ދޯހަޅި ނިޒާމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، މިކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އޮތީ ބޮޑުތަނުން ފެއިލް ވެފައި ކަމަށެވެ.

އެހެންކަމުން އެމްއެންޕީގެ ވެރިކަމެއްގައި އެމްއެމްއޭ އެކީ ރިފޯމް ކުރައްވާނެ ކަމަށާއި ރާއްޖޭން ބޭރުން ގެންނަންޖެހޭ ފައިސާ ފަސޭހަކަމާއެކު ރާއްޖެއަށް ގެނެވި ޒުވާނުން ކުރާ މަސައްކަތުގެ ނަފާ އެ ޒުވާނުންގެ ޖީބަށް ވަންނަގޮތް ހަދައިދޭނެ ކަމަށް ނާޒިމް ވަނީ ވައުދުވެވަޑައިގެންފައެވެ.

ޕޭޕަލްގެ ވާހަކަ ނާޒިމް ފާހަގަ ކުރައްވާފައިވާއިރު، ޕޭޕަލްފަދަ ހިދުމަތްތައް ރާއްޖެއަށް ތައާރަފު ކުރުމަކީ ވަރަށް ގިނަ ޒުވާނުން މެދުނުކެނޑި އެދެމުންދާކަމެއްކަން ފާހަގަ ކޮށްލެވެއެވެ. އަދި ނާޒިމްގެ މި ވައުދާއި ގުޅިގެން ބައެއް ޒުވާނުން ދަނީ އެކަން ފާހަގަ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު