އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 93 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓްގެ ތެރޭގައި ނުހިމެނޭގޮތަށް ވަކިން ހުށަހަޅާ ބަޖެޓެކެވެ. ނަމަވެސް ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރާއިރު އޮޑިޓް އޮފީހުގެ ބަޖެޓުވެސް ފާސްކޮށް ދައުލަތުގެ ބަޖެޓްގައި ހިމަނަންޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފާސްކުރި ބަޖެޓް ފާސްކޮށްފައިވަނީ 44 މެމްބަރުންގެ ވޯޓުންނެވެ.

އޮޑިޓް އޮފީހުން މިއަހަރު ހުށަހެޅީ 95 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ އޮފީހަށް ފާސްކޮށްފައިވަނީ 93 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓްގެ 61 މިލިޔަން ރުފިޔާ އަކީ އޮފީސް ހިންގުމާއި، ހަރުމުދާ ގަތުމަށް ކަނޑައެޅި ބަޖެޓެވެ. އަދި 32 މިލިޔަން ރުފިޔާ ވަނީ ކެޕިޓަލް ޚަރަދުގެ ގޮތުގައި ހަމަޖެއްސުމަށް ފާސްކޮށްފައެވެ.

މިއަހަރު 95 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު މިދިޔަ އަހަރަށް އޮޑިޓް އޮފީހަށް ފާސްކޮށްފައިވަނީ 90 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓް ހުށަހަޅަމުން އޮޑިޓް އޮފީހުން ބުނީ އަންނަ އަހަރު އެއޮފީހުން 327 އޮޑިޓެއް ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި 88 ކައުންސިލެއް އެއޮފީހުން އޮޑިޓް ކުރާއިރު، ބާކީހުރި ކައުންސިލްތައް އައުޓްސޯސްކޮށްގެން އޮޑިޓް ކުރުމަށް ވަނީ ހަމަޖެހިފައިކަމަށް އޮޑިޓް އޮފީހުން މަޖިލީހަށް މައުލޫމާތު ދިނެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނީ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއްދީފައިވަނީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ކުރިއަށް ދިއުމަށް ކަމަށް ޤާބިލް މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްކަމަށެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓްގެ މަސައްކަތް މަޖިލީހުގައި ކުރެވެމުންދާއިރު މިމަހުގެ 31 ވަނަ ދުވަހު ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުން އޮންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު