ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ހިނގަމުންދާ އިހުތިސާސް ކަނޑައެޅުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް، މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ފާޑުވިދާޅުވެއްޖެއެވެ.

އައްޑޫގެ ދެކުނުން އޮންނަ ފޯޅަވަހީގެ މިލްކުވެރިކަމުގެ މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި ކުއްލި މައްސަލައިގެ ތެރޭން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ، ފޯޅަވައްސަކީ ދިވެހީންގެ ތަނެއް ނޫންކަމަށް ވިދާޅުވެވެން ނެތް ކަމަށް ވިދާޅުވެ، އެތަނުގެ މައްސަލާގައި އެކި ވެރިކަންތަކުގައި ކަންކުރެވިގެން ދިޔަގޮތް ތާރީހުތަކާއިއެކު ވިދާޅުވެދެއްވާފައެވެ.

އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ފޯޅަވަހީގެ މައްސަލާގައި މޮރިޝަސްއާއިއެކު މަޝްވަރާ ކުރެވުނު ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި12 މާރިޗު 2011 ގައި ދިވެހި ސަރުކާރާ މޮރިޝަސް ސަރުކާރާ ދެމެދު ޖޮއިންޓް ކޮމިއުނިކޭއެއް ނެރުނު ކަމަށާއި އޭގައިވާނީ ދެ ގައުމު ދެމެދުގައި ވާހަކަ ދައްކައިގެން ދިވެހިރާއްޖޭގެ މިހާރުގެ ސަރަހައްދުން ބައެއް ނުގެއްލޭ ގޮތަށް އެއްބަސްވާން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މި ވާހަކަތަކާއި ގުޅިގެން ރީކޯ މިއަދު ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އެމަނިކުފާނު މޮރިޝަސްއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމަށް ވަޑައިގެންނެވީ ގިނިކަންޏާ ނޫންކަމަށާއި، އެ ގައުމުގެ ބޮޑުވަޒީރާ ބައްދަލު ކުރައްވާ ފޯޅަވައްސާބެހޭ ވާހަކަތައް ދައްކަވަން އިންނެވީ ވެސް ގިނިކަންޏާ ނޫންކަމަށެވެ. އެހެންކަމުން ކުއްލިއަކަށް މިހާރު ރައީސް ނަޝީދުގެ ރާގު ބަދަލު ކުރެއްވިއެއްކަމަކު ވެގެން އުޅުއްވާގޮތް އެނގިވަޑައިގަންނަވާ ކަމަށް ރީކޯ ވަނީ ވިދާޅުވެފައެވެ.



ރީކޯ މިފަދައިން ވިދާޅުވިއިރު، ރައީސް ނަޝީދުގެ ވެރިކަމުގައި މި މައްސަލާގައި އަމަލުކުރި ގޮތާއި ގުޅޭގޮތުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވެސް މިރޭ ވަނީ އެމަނިކުފާނަށް ހޫނު ސުވާލެއް އަމާޒު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު