ފުލުހުން ގދ. ހޯޑެއްދޫއިން ހައްޔަރުކޮށްގެން އެ އަތޮޅު މަޑަވެއްޔަށް ގެންދަނިކޮށް ނިޔާވި މީހާގެ މަރުގެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްނަމަ ފިޔަވަޅު އަޅަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު މެއަށް ތަދެއް އަރައި، ފިޓް ޖެހުން ފަދަ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ގދ. މަޑަވެލީ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށާއި އަދި ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. 43 އަހަރުގެ އެ ފިރިހެން މީހާ ނިޔާވެފައިވަނީ، ކުއްޔަށް ހިފާފައިވާ ލޯންޗެއްގައި މަޑަވެއްޔަށް ގެންދަނިކޮށް ކަމަށް ފުލުހުންވަނީ ބުނެފައެވެ.

މި މައްސަލާގައި ހޯޑެއްދޫގެ ބައެއް ފަރާތްތަކުން ދަނީ މަޑަވެލީ ސިއްހީ މަރުކަޒު ކައިރީގަަި ނުރުހުން ފާޅު ކުރަމުންނެވެ.

އެކަމާއި ގުޅިގެން އިމްރާން ދެންމެ ވިދާޅުވީ، ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މީހަކު ނިޔާވެފައިވާތީ އެކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑުން މިހާރު ވަނީ ބަލަން ފަށާފައި ކަމަށެވެ. އަދި ރާއްޖޭގެ ކަމާއި ގުޅުންހުރި އެހެން މުއައްސަސާތަކުންވެސް އެ މައްސަލަ ހާއްސަ ސަމާލުކަމެއް ދެއްވައިގެން ބެއްލެވުމަށް ދަންނަވާފައިވާނޭ ކަމަށް އިމްރާން ވިދާޅުވި އެވެ.



އަދި މި މައްސަލާގައި ފުލުހުން އިހުމާލު ވެފައިވާކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާކަމަށް ތަހުގީގަށް ސާބިތުވެއްޖެނަމަ އެކަމާއިގުޅިގެން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ފަސްޖެހިވަޑައި ނުގަންނަވާނޭ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އިމްރާން މިފަދައިން ވިދާޅުވިއިރު، މަޑަވެލި ސިއްހީ މަރުކަޒު ކައިރީ ނުރުހުން ފާޅުކުރަމުންދާ ފަރާތްތަކުން ވަނީ، މި މައްސަލާގައި ފުލުހުންގެ އިހުމާލު ވަރަށް ބޮޑަށް އޮތްކަމަށް ތުހުމަތު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން