މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް އެމްޑީޕީގެ ބައެއް މެމްްބަރުން ދެކޮޅު ހަދަނީ ވަކި މީހަކު ވެރިކަމުގައި ހުރުމުން ކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެެއެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާއިރު އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ. އަދި ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ހަރަދު ކުޑަ ކުރުމުގެ ސިޔާސަތަށް އިސްކަން ދިނުމަށާއި މިވަގުތު ޓެކްސް ބޮޑުކުރުން ރަނގަޅު ނޫންކަމަށް އެ މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެެވެ.

އެކަމާ ގުޅިގެން މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ޓެކްސް ބޮޑުކުރަން އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅު ހައްދަވަނީ ވަކި މީހަކު ވެރިކަމުގައި ހުރުމުން ކަމަށެވެ. އެއީ ޕީޕީއެމް މެމްބަރުންނާއި ގުޅިގެން ބައެއް އެމްޑީޕީ މެމްބަރުން ކުރައްވާ ކަމެއް ކަމަށް ޔައުގޫބް ތުހުމަތުކުރެެއްވިއެވެ.

މީގެ އިތުރުން ޔައުގޫބް ވިދާޅުވީ ރާއްޖެއަށް އަލަށް ޓެކްސް ތައާރަފްކުރީ އެމްޑީޕީން ކަމަށާއި، އެކަން ކުރީ ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށްގެންތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އޭރު އެކަމާ ގުޅުންހުރި ފަރާތްތަކުންވެސް އެކި ފޯރަމްތަކުގައި އައީ ޓެކްސް ނެގުމާއި ދެކޮޅު ހަދަމުން ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

އަދި މިއަދު ފަހުރުވެރިކަމާއެކު ޓެކްސް ނަގަންފެށީ އެމްޑީޕީން ކަމަށް ބުނަމުންދާއިރު އޭރު އެކަން ކުރީ ގިނަ ބަޔަކާއި ދެކޮޅަށް ކަމަށް ޔައުގޫބް ވިދާޅުވިއެވެ. އެހެންކަމުން އޭރު ޓެކްސް ނަގަން ގަބޫލުވެފައި މިއަދު ޓެކްސް ބޮޑުކުރަން ގަބޫލުނުވަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް ސަރުކާރުން މަޖިލީހަށް ހުށައެޅި އިސްލާޙުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން