އިންޓަރނޭޝަނަލް މޯބައިލް ސެޓްލައިޓް އޯގަނައިޒޭޝަން (އިމްސޯ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާއަރުވާފައި ވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސް މި ގޮތަށް ނިންމަވާފައިވަނީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ދިވެހިރާއްޖެއަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާއިބެހޭ ޖަމިއްޔާ، އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ގެ މެންބަރު ގައުމެކެވެ. އިމްސޯ އުފައްދާފައި ވަނީ 1979 ވަނަ އަހަރު އައިއެމްއޯގެ އެހީތެރިކަމާއެކު އެ ޖަމިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އިމްސޯއިން ކުރާ މައިގަނޑު މަސައްކަތަކީ ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް (ޖީއެމްޑީއެސްއެސް) އާއި ލޯންގް ރޭންޖު އައިޑެންޓިފިކޭޝަން އެންޑް ޓްރެކިންގ އޮފް ޝިޕްސް (އެލްއާރުއައިޓީ)ގެ އެންމެހާ ކަންކަން ކުރުމަށް މަގުފަހިކުރުމެވެ.

ޖީއެމްޑީއެސްއެސް އަދި އެލްއާރުއައިޓީ އަކީ އައިއެމްގެ މުއާހަދާއެއް ކަމުގައިވާ "އިންޓަރނޭޝަނަލް ކޮންވެންޝަން ފޯ ދަ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) 1974" އިން އެކަންކަން މި މުއާހަދާގައި ބައިވެރިވާ ގައުމުތަކަށް ލާޒިމުކުރާ ކަމެކެވެ.

ރާއްޖެއަކީވެސް އައިއެމްއޯ އަދި ސޯލާސްގައި ބައިވެރިވެފައިވާ ގައުމެކެވެ. އަދި އިމްސޯގައި ބައިވެރިވުމަށް އައިއެމްއޯ މެންބަރު ސްޓޭޓް އޮޑިޓްގައި ވަނީ ލަފާދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން