ގދ. ހޯޑެއްދޫން ހައްޔަރުކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ، މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު މެއަށް ތަދެއް އަރައި، ފިޓް ޖެހުން ފަދަ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ގދ. މަޑަވެލީ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ނިޔާވެފައިވަނީ، 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ ނިޔާވެފައިވަނީ، ކުއްޔަށް ހިފާފައިވާ ލޯންޗެއްގައި މަޑަވެއްޔަށް ގެންދަނިކޮށް ކަމަށާއި އެ ލޯންޗްގައި އާންމުންގެ ބައެއް މީހުންވެސް ތިބިކަމަށް ބުނެފައިވެއެވެ.

ފުލުހުން ބުނީ، މިހާދިސާ އާއި ގުޅޭ މައުލޫމާތު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ހިއްސާކޮށް ތަހްގީގު ކޮށްދެއްވުމަށް މިހާރު ވާނީ އެދިފައި ކަމަށެވެ.

އަދި އޭނާގެ މަރުގެ ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އޭނާ ހައްޔަރު ކޮށްފައިހުރީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން