މި ސަރުކާރުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތައް އިންޑިއާއަށް ވިއްކާލާފައި ކަމަށް ވިދާޅުވެ އެކި ޖަލްސާތަކުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ކުރަށްވަމުން ގެންދަވާ ތުހުމަތު އަނެއްކާވެސް ތަކުރާރު ކުރަށްވައިފި އެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް މިހާރު ރާއްޖޭގެ އެކި ރަށްރަށަށް ރައީސް ޔާމީން ފައްޓަވާފައިވާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ނ. ކެނދިކުޅުދޫއަށް ވަޑައިގެން އެ ރަށުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، މިހާރު މި ދެކެވެނީ ރާއްޖޭގެ ބޮޑުބައެއް ވިއްކާލާ ވާހަކަ ކަމަށެވެ. އަދި ސަރުކާރުން މިހާރު ކޮށްގެން އުޅެނީ ބަޔަކު ހިލޭ ކުރާވަރުގެ ކަމެއް ނޫންކަމަށާއި، އެކަމުގައި ލާރި ނެގިބަޔަކު ވާނީ ލާރި ނަގާފައި ކަމަށް ޔާމީން ވިދާޅުވިއެވެ.

އިންޑިއާއަށް ރާއްޖޭގެ ބިންތަކެއް ވިއްކާފައިވާ ކަމަށް ވިދާޅުވެ ރައީސް ޔާމިން ކުރަށްވާ ތުހުމަތު ތަކުރާރު ކުރެއްވި ނަމަވެސް އެކަން ކަށަވަރު ކޮށްދޭ އެއްވެސް ހެއްކެއް މިހާތަނަށް ވެސް އެމަނިކުފާނު ދައްކަވާފައެއް ނުވެއެވެ. އެމަނިކުފާނު އެފަދަ ތުހުމަތެއް ކުރަށްވާ ހަމައެކަނި ހެއްކަކަށް ދައްވަނި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ވެސް އިންޑިއާގެ ސިފައިން ރާއްޖޭގައި ތިއްބެވެ.

ޔާމީން ވިދާޅުވީ، އެންމެ ފުރަތަމަ އުފެދުނު އެމްޑީޕީގެ ސަރުކާރުގައިވެސް ރާއްޖޭގެ މައި އެއަރޕޯޓް ވިއްކާލި ކަމަށެވެ. ދިގު މުއްދަތަށް ކުއްޔަށް ދިނުމޭ ކިޔަސް އެއީވެސް ހަމަ ވިއްކާލުން ކަމަށާއި، ރާއްޖޭގެ ބޮޑު ސަރަހައްދެއް އިންޑިއާއަށް ވަނީ ވިއްކާލާފައި ކަމަށް ޔާމީން ވިދާޅުވިއެވެ.

"މިހާރު މިދައްކަނީ ދިވެހި ރާއްޖޭގެ ބިމުން އެތައް ސަރަހައްދެއް އޮތީ އިންޑިއާއަށް ވިއްކާލާފައޭ. ގަބޫލު ކުރައްވާ، ވިއްކާލާފައި މިއޮތީ." ޔާމީން ވިދާޅުވިއެވެ.

މި މައްސަލާގައި ރައީސް ޞާލިޙަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، ރާއްޖޭގެ ބައެއް ގެއްލޭގޮތަށް ސިޓީއެއް ފޮނުއްވުމުން އެކަމާ ކަންބޮޑުވުން ފާޅުކުރާއިރު އެކަމާ ރައީސް "ރިއެކްޓް" ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން