އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައަޅަން ބާއްވާ ރިޔާސީ ޕްރައިމަރީ ޑިސެމްބަރުމަހު ބާއްވަން މަސައްކަތް ކުރަމުންދާކަމަށް އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެންމެ ފުަރަތަމަ ބޭއްވުމަށް މަސައްކަތްކުރީ މިމަހުއެވެ. ނަމަވެސް މިމަހު ޕްރައިމަރީ ދެން ބޭއްވޭނެ ގޮތެއް ނޯންނާނެއެވެ.

މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ ޑިސެމްބަރުމަހު ޕްރައިމަރީ ބޭއްވުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ދެން އޮންނަ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ޕްރައިމަރީގެ ކަންކަން ބެލެހެއްޓުމަށް ނަގަންޖެހޭ 5 މެމްބަރުންގެ ކޮމިޓީ ހޮވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި ޑިސެމްބަރުމަހު ޕްރައިމަރީ ބާއްވާކަމުގައިވާނަމަ މި ފެށޭ ނޮވެމްބަރުމަހު ޕްރައިމަރީއަށް އިއުލާންކުރާނެއެވެ.

އެމްޑީޕީގެ ޕްރައިމަރީ ޑިސެމްބަރުމަހު ބާއްވަން ތައްޔާރުވަމުންދާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސް މުހައްމަދު ނަޝީދު ވަނީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރަށްވާފައެވެ.

އިދިކޮޅު ޕީޕީއެމުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރާއި، އެމްއެންޕީން ކާނަލް ނާޒިމާއި، އެމްޑީއޭއިން އަހުމަދު ސިޔާމްވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ވަނީ އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން