ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރުގެ ލަފާފުޅަކާއި ނުލައި ރާއްޖޭގެ ބޯޑަރުގެ މައްސަލައިގައި ގޮތެއް ނިންމުމަކީ ގޯހެއްކަމަށް އދގެ އިސްމަގާމުތަކެއް ފުރުއްވާފައިވާ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ހިންގަވާ "ރެޑް ސީ" ޑިވެލޮޕްމަންޓް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައިވެސް އިންނަވާ ޑރ. ވަހީދު ވިދާޅުވީ، ރާއްޖޭގެ ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރަކީ "ލޯ އޮފް ދަ ސީޒް" ނުވަތަ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކުގެ މާހިރެއް ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ ޑރ. މުނައްވަރު ފަދަ ބައިނަލްއަގުވާމީ ފެންވަރުގެ މާހިރެއްގެ ލަފާފުޅަކާއި ނުލައި ދިވެހި ސަރުކާރުން މިވަރުގެ ކަމެއް ނިންމުމަކީ ގޯހެއްކަމަށެވެ.

"ޑރ. މުނައްވަރަކީ ލޯ އޮފް ސީޒްގެ ދުނިޔޭގެ ފެންވަރުގެ މާހިރެއް. އެ މަނިކުފާނުގެ ލަފަޔަކާއި ނުލައި ދިވެހި ސަރުކާރުން މިވަރުގެ ކަމެއް ނިންމުމަކީ ގޯހެއް." ވަހީދު ވިދާޅުވިއެވެ.

ޗާގޯސް މައްސަލައިގައި ދިވެހި ސަރުކާރުން އަމަލުކުރަމުންދާ ގޮތަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވަނީ ކުރީގެ ބަންޑާރަ ނާއިބު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރެވެ.

ރާއްޖޭގެ އެންމެ ފުންނާބު އުސް ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ.މުނައްވަރު ކަނޑުގެ ގާނޫނުތަކާއި ގުޅޭގޮތުން ލިޔުއްވާފައިވާ ފޮތްތަކަކީ ދުނިޔޭގެ ބޮޑެތި ޔުނިވަރސިޓީތަކުގައިވެސް ބޭނުންކުރަމުންދާ ފޮތްތަކެއްކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން