ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ދޫ ނުދޭނެކަން މޮރިޝަސްއަށް ދިވެހި ސަރުކާރުން އަންގައިފިއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޗާގޮސްގެ މައްސަލައާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ގަރާރެއް ހުށަހަޅައިފިނަމަ، އެ ގަރާރަށް ވޯޓު ދިނުމުގެ ކުރިން "އެކްސްޕްލެނޭޝަން އޮފް ވޯޓު"ގެ ފުރުސަތުގައި އެ ގަރާރަކަށް ދެކޮޅު ނުހެދުމަކީ ރާއްޖެއިން މޮރިޝަސްއާއި ދެކޮޅަށް ޓްރައިބިއުނަލްގައި ވަކާލާތު ކުރަމުންގެންދާ މައްސަލާގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ބަދަލެއް އަންނާނެކަމެއް ނޫންކަމަށެވެ.

އަދި އެކަން މޮރިޝަސްގެ ސަރުކާރަށް އަންގާފައި ވާނެކަމަށްވެސް ފޮރިންގ މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ދެކުނަށް އޮތް ޗާގޮސް އާކިޕެލާގޯއަކީ އެ ރަށްރަށުގައި ތިބި މީހުން އެތަނުން ބާލައި އިނގިރޭސި އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައި އޮތް ތަނެއްކަމަށެވެ. އެއީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއްކަމުގައި ބުނެ މަޝްވަރާކުރެވެމުން އަންނަތާ އެތައް އަހަރުތަކެއް ވުމަށްފަހު، 2017 ވަނަ އަހަރު އދ.ގެ އާންމު މަޖިލީހުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މި މައްސަލައާ ބެހޭ އިސްތިޝާރީ ލަފައަކަށް އެދުނުކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ފެބްރުއަރީ 2019 ގައި ނެރުނު "އައި.ސީ.ޖޭ. އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965" ގައި ކަނޑައަޅާފައިވަނީ ޗާގޮސް އާކިޕެލާގޯއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމުގައިކަމަށެވެ.

މިގޮތަށް މި އިސްތިޝާރީ ލަފައާ ގުޅުވައި މޮރިޝަސްއާއި އެފްރިކާގެ ޤައުމުތަކާއި ވަކި ފަރާތަކަށް ނުޖެހޭ ހަރަކާތުގެ (ނޮން އެލައިންޑް މޫވްމަންޓް) ގައުމުތަކާ ގުޅިގެން 22 މެއި 2019 ގައި އދ.ގެ ޢާންމު މަޖިލީހަށް ގަރާރެއް ވަނީ ހުށަހަޅާފައެވެ. މި ގަރާރުގައި 6 މަސް ދުވަހުގެ ތެރޭގައި ޗާގޮސް އާކިޕެލާގޯ މޮރިޝަސްއާ ހަވާލުކުރުމަށް ވަނީ ގޮވާލާފައެވެ. އެ ޤަރާރަށް އދ.ގެ އާންމު މަޖިލީހުގައި ވޯޓަށް އެހުމުން، ދިވެހިރާއްޖެއިން ވަނީ އެ ޤަރާރާ ދެކޮޅަށް ވޯޓުދީފައިކަމަށްވެސް ބަޔާނުގައިވެއެވެ.

2019 ވަނަ އަހަރުގެ އެ ގަރާރާ ދެކޮޅަށް ވޯޓުދިނީ ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްޕް (ސީ.އެލް.ސީ.އެސް) އަށް 26 ޖުލައި 2010 ގައި ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިޢުތިރާޟުކޮށް، 24 މާޗް 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހަޅާފައިވާތީ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖެއާ މޮރިޝަސްއާ ދެމެދު އޮތް ގުޅުމަށާއި ރާއްޖެ މިނިވަން ވީއްސުރެ އދ.ގެ އާންމު މަޖިލީހުގައި ގެންގުޅެމުން އަންނަ އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅު ސިޔާސަތަށް ބިނާކޮށް، އެފަދަ ޤައުމުތަކަށް ތާއީދުކުރުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ކޮންސިސްޓެންސީ ހިފެހެއްޓޭނެ ގޮތްކަމުގައި ދެކޭކަމަށެވެ.

އދ.ގެ އާންމު މަޖިލީހުގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ ގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއްކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ޗާގޮސް އާކިޕެލާގޯގެ މައްޗަށް ސިޔާދަތީ ބާރު ހިންގާ ޤައުމުގެ މައްސަލައަކީ މޮރިޝަސްއާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެއްކަމަށާއި، އެއީ ރާއްޖޭގެ ސީދާ ބައިވެރިވުން އޮތް މައްސަލައެއް ނޫންކަމަށްވެސް ވަނީ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އދ.ގެ އާންމު މަޖިލީހުގައި ޗާގޮސްގެ މައްސަލައާ ގުޅޭގޮތުން ގަރާރެއް ހުށަހަޅައިފިނަމަ، އެ ގަރާރަށް ވޯޓުދިނުމުގެ ކުރިން "އެކްސްޕްލެނޭޝަން އޮފް ވޯޓް" ގެ ފުރުޞަތުގައި، އެ ގަރާރަކަށް ދެކޮޅު ނުހެދުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލްގައި ވަކާލާތުކުރަމުން ގެންދާ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމެއް ކަމުގައި ބުނުމަށް ނިންމައި، އެކަން މޮރިޝަސްގެ ސަރުކާރަށް އަންގަފައިވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު