ދިވެހިރާއްޖެއާއި މޮރިޝަސްގެ ސަރަހައްދީ ރޮނގުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާ ނިންމުމެއްގެ ސަބަބުން ރާއްޖޭގެ އެއްވެސް ސަރަހައްދެއް ގެއްލިގެން ނުދާނެކަމަށް، މި މައްސަލާގައި ދިވެހި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ ގާނޫނީ ޓީމްގެ އިސް ވެރިޔާ ޕްރޮފެސަރ ޕަޔަމް އަޚަވަން ވިދާޅުވެއްޖެއެވެ.

ޗާގޯސްގެ މައްސަލާގައި މިހާރު ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް ކުރަމުން ދަނިކޮށް، ރައީސް އޮފީހުން މިރޭ ވަނީ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ، ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުޙައްމަދުގެ އިތުރުން ޕްރޮފެސަރ ޕަޔަމްއެވެ. ޕަޔަމް ބައިވެރިވެވަޑައިގެންނެވީ އޮންލައިންކޮށެވެ.

މި ބައްދަލުވުމުގައި "ރަސް އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕަޔަމް ވިދާޅުވީ، އިޓޮލްސް އިން ކޮންމެ ގޮތަކަށް މައްސަލަ ނިންމިކަމަށްވިޔަސް އޭގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ހާއްސަ ސަރަހައްދުން ބައެއް ގެއްލިގެން ނުދާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގައި ބުނާ އުސޫލަކީ މިފަދަ މައްސަލަތަކުގައި ފުށުއަރާ ސަރަހައްދު ދެފަރާތަށް ހަމަހަމައަށް ބަހާލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިފަދަ މައްސަލަތަކަކީ ކޮންމެވެސް އެއްކޮޅަކަށް ގޮތެއް ނިންމުމުގެ ބަދަލުގައި ދެފަރާތަށްވެސް ކޮންމެވެސް ވަރެއް ލިބޭގޮތަށް ނިންމާ މައްސަލަތަކެއް ކަމަށެވެ. އެގޮތުން ޓްރައިބިއުނަލުން މިފަދަ މައްސަލަތައް އާންމުކޮށް ނިންމަނީ އެފަދައިން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ރާއްޖޭގެ ކޭސް ވަރަށް ވަރުގަދަ ކަމަށާއި ޓްރައިބިއުނަލްގައި ރާއްޖެއިން ވަކާލާތު ކުރަމުންދަނީ ވަރަށް ރަނގަޅަށްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި މިވަނީ މި މައްސަލާގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާ ބަހުސް ކޮށްފައިވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު