ޗާގޯސް މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ހިނގަމުންދަނިކޮށް މޮރިޝަސް މައްސަލާގައި ގެންގުޅުނު ސްޓޭންޑް ބަދަލުވުމުގައި އިންޑިއާގެ ނުފޫޒެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިރޭ ވިދާޅުވެއްޖެއެވެ.

ޗާގޯސް މައްސަލައިގައި ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އެ ނިންމުމަކީ ރާއްޖޭގެ އަމިއްލަ ނިންމުމެއް ކަމަށެވެ. އަދި ރާއްޖޭގެ ސްޓޭންޑް ބަދަލުކުރުމުގައި އިންޑިއާ އަދި އެހެން އެއްވެސް ގައުމެއްގެ ނުފޫޒެއް ނެތް ކަމަށް މިއުވާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑް މާބޮޑަށް ބަދަލުވެ ފޮރިން ޕޮލިސީ ބޮޑު ޝިފްޓެއް އައިސްގެން ބޮޑު ތަހުގީގެއް ހިންގާވަރުގެ ކަމެއްވީކީ ނޫން،" މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ ސަރުކާރުގެ އެނިންމުމުގެ ސަބަބުން ރާއްޖެއާ އެއްވެސް ގައުމަކާ ދޭތެރޭ އޮންނަ ގުޅުމަކަށް ބުރޫ ނާރާނެ ކަމަށެވެ. އޭގެ ބަދަލުގައި ގުޅުންވާނީ އިތުރަށް ބަދަހި ކަމަށާއި ފެށުނީއްސުރެ އެކަމާ ގުޅޭ މައުލޫމާތުތައް ހާމަކުރަމުންދާ ކަމަށް މިއުވާން ވިދާޅުވިއެވެ. އެ މައްސަލަ އާއި ގުޅިގެން އެއްވެސް ކަމަކީސިއްރިއްޔާތުގައި ކުރާ ކަމެއް ނޫން ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު