އަންނަ އަހަރުގެ މެދުތެރޭގައި އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ގެއްލުނުކަން އިއުލާންކުރާނެ ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެއެވެ.

ޗާގޯސްގެ މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލުކުރުމާ ގުޅިގެން ޕީޕިއެމް ގެ އޮފީސް ދޮރުމަތީގައި މިރޭ ބޭއްވި މުޒާހަރާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނާއިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ނެތް ކަމަށެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކާއިއެކު މަސައްކަތް ކުރާނެ އެތައް މެމްބަރުންނެއް މަޖިލީހުގައި އެބަތިބި ކަމަށެވެ. އަދި އިދިކޮޅުން ބޭނުންނަމަ މި ސަރުކާރު މަގުމަތިން ނުވަތަ މަޖިލީހުގެ ތެރެއިން ވެސް ވައްޓާލެވިދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުމިއްޔާ މަގުމަތިން ވެސް ސަރުކާރު ވައްޓާލެވިދާނެ، އަޅުގަނޑުމެން ބޭނުމިއްޔާ މަޖިލީހުގެ ތެރެއިން ވެސް ސަރުކާރު ވައްޓާލެވިދާނެ، އެކަމަކު ރައީސް ޔާމިން ބޭނުންވަނީ ވޯޓުން ބަލިކުރަން. އަޅުގަނޑުމެން މިތިބީ އެކަމަށް ތައްޔާރަށް." އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރު މިހާރު ވަނީ ފާލުން ނެއްޓިފައި ކަމަށެވެ. ސަރުކާރަށް މަޖިލީހުގައި ބޭނުންހާ ކުޅިއެއް ނުކުޅެވޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު