ފޯޅަވަހީގެ މައްސަލައިގައި ނިންމާފައިވަނީ ރަނގަޅު ނިންމުމެއްކަމަށް ވިދާޅުވެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ސަރުކާރުން ނިންމުމަށް ތާއީދުކުރަށްވައިފިއެވެ.

ފޯޅަވަހި ނުވަތަ ޗާގޯސް އައިލެންޑު މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން ސަރުކާރުން އަމަލުކުރާގޮތުން ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން ބައެއް ގެއްލޭނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް ސަރުކާރުން އަންނަނީ އެކަން ދޮގުކުރަމުންނެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ ފޯޅަވައްސާއި ދޭތެރޭ ސަރުކާރުގެ ނިންމުމަކީ ތަހުޒީބީ ދުނިޔެއެއްގައި ނިންމޭނެ އެންމެ ރަނގަޅު ނިންމުންކަމަށެވެ. އިކްރާމް ވިދާޅުވީ އެއްވެސް ގައުމެއްގެ އިސްތިއުމާރީ ބާރުގެ ދަށުގައި ފޯޅަވަހި އޮންނަންޖެހޭނެކަމަށް ބުނެ ރާއްޖެއިން ތާއީދުކުރުން ރަނގަޅެއް ނޫންކަމަށެވެ.



ބަންޑާރަ ނާއިބުގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ ކަނޑުގެ ސަރަހައްދާ ރާއްޖެއާއި ފުށުއަރާކަމަށް ބުނާ މައްސަލައިގައި މޮރިޝަސްއިން އެދޭ ގޮތަށް ދޫނުދޭނެކަމަށެވެ.

މި ބަޔާނުގައި ބުނީ ރާއްޖެއަކީ ޑީކޮލޮނައިޒޭޝަންއަށް އަބަދުވެސް ތާއީދުކުރާ ގައުމަކަށްވެފައި، މިހާރު މޮރިޝަސްއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުން އަންނައިރު، ދިވެހިރާއްޖެއިންވެސް މޮރިޝަސްއާ އެއްކޮޅަށް މި އަހަރުގެ އދ.ގެ ޖެނެރަލް އެސެމްބްލީގައި ވޯޓުލާން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައިވާކަން، މިހާރު ޓްރައިބިއުނަލްގައި ހިނގަމުންދާ އަޑުއެހުމުގައި އެޓަރނީ ޖެނެރަލް ފާހަގަކުރައްވާފައިވާކަމަށެވެ.



ޔޫއެން ޖެނެރަލް އެސެމްބްލީގައި ބަހުސްކުރެވޭ ވަކި ކަމެއްގައި ވަކި ގޮތަކަށް ވޯޓު ދިނުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅިފައިވާ، ކަމެއްކަމަށާއި، އަދި ޤާނޫނުއަސާސީގައި ޚާރިޖީ ސިޔާސަތު ކަނޑައެޅުމާއި، ހިންގުމާއި، އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ގުޅުން ޤާއިމުކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއްކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުނެއެވެ.

އަދި ޓްރައިބިއުނަލްގައި މިހާރު ކުރިޔަށްދާ، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައަކީ ރާއްޖެ ބައިވެރިވެފައިވާ މުޢާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމަންޖެހޭ، މުޅިން ތަފާތު މައްސަލައެއްކަމަށްވާއިރު، އައި.ސީ.ޖޭ. ގެ ނިންމުން ތަންފީޛުކޮށް ޗާގޮސް މޮރިޝަސްއާ ޙަވާލުކުރުމަށް ގޮވާލާ ޤަރާރަށް އދ.ގެ ޖެނެރަލް އެސެމްބްލީގައި ތާއީދުކޮށް ވޯޓު ލުމުގެ ސަބަބުން ޓްރައިބިއުނަލްގައި ކުރިޔަށްދާ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ބަންޑާރަ ނާއިބުގެ އޮފީހުގެ ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު