ޒުވާނުންގެ މެދުގައި އޮތް މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށްތަކާއި ޖިނާޢީކުށްތަކަށް އަރައިގަންނަ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ އިނާމް ދިނުމަށް ރޭ، ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ، މިޖަލްސާގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ހުށައެޅުއްވި، ދިރާސާގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިގޮތުން، އެދިރާސާގައި ޒުވާނުންނާ ބެހޭ ގޮތުން ޙައްލު ހޯދަންޖެހިފައިވާ ވަރަށް ގިނަ ކަންތައްތައް ފާހަގަކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެދިރާސާގައި ފާހަގަކޮށްފައިވާ މުހިއްމު ދެމައްސަލައިގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލައާއި ގޭންގު ކުށްތަކާއި ޖިނާޢީކުށްތަކަށް ޒުވާނުން އަރައިގަންނަ މައްސަލައަކީ، އިޖްތިމާޢީ އެތައް ކަމަކާ ގުޅިފައިވާ، ވަށައިޖެހޭ ޙައްލަކަށް ބޭނުންވާ ދެ މައްސަލަކަމަށެވެ.

ރައީސް ވިދާޅުވީ، މަސްތުވާތަކެތިން ދިވެހި ރައްޔިތުން ދުރުކުރުމަށް ވެސް ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާ ކަމަށެވެ. އަދި ގޭންގު ކުށްތަކާ ދެކޮޅަށް ވެސް ވަރަށް ރޭވުންތެރިކަމާއެކު ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ދެ މައްސަލައަށް މަގުފަހިކުރާ ކަންކަމުގެ ތެރޭގައި މަތީ ތަޢުލީމުގެ ފުރުސަތުތައް މަދުވުމާއި، ވަޒީފާގެ ފުރުޞަތުތައް މަދުވުން ހިމެނޭ ކަމަށެވެ. އެހެންވެ، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ މަގު ފަހިކޮށްދެއްވުމާއި، ސަރުކާރުގެ ކުންފުނިތައް މެދުވެރިވެގެން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަކީ، ސަރުކާރުން އެޅުއްވި މުހިއްމު ފިޔަވަޅެއް ކަމަށާއި، އެފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުންވެސް ރައީސް ވަނީ، ޒުވާނުންނަކީ، ނަފްސާނީ ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

މިއަހަރު ޒުވާނުންގެ އެވޯޑް ހާޞިލްކުރި ޒުވާނުންނަށް، މިޖަލްސާގައި އެވޯޑް ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މިއަހަރުގެ ޒުވާނުންގެ އެވޯޑް ލިބިފައި ވަނީ 10 ޒުވާނުންނަށެވެ.

މީގެ އިތުރުން މި ޖަލްސާގައި ވަނީ، ރާއްޖޭގެ ޒުވާނުންނާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ހެދި ދިރާސާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާޙްކޮށްދެއްވާފައެވެ. މިޖަލްސާގައި މި ދިރާސާ ރިޕޯޓް ހުށައަޅުއްވައި ދެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒެވެ.

ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި 2020 ވަނަ އަހަރުންފެށިގެން ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރުމަހުގެ 22 ވަނަ ދުވަހެވެ. 



ކިޔުންތެރިންގެ ހިޔާލު