ޒުވާނުން ވަޒީފާއެއްނެތި ތިބުމުން ލިބޭ ނުތަނަވަސްކަން ދޫކޮށްލުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ގޮވާލައްވައިފި އެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް ސޯލިހު ވިދާޅުވީ، ވަޒީފާއެއް ނެތި ތިބުމުން ލިބޭ ނުތަނަވަސްކަން ޒުވާނުން ދޫކޮށްލަންޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން މިހާރު ހުޅުވާލާފައިވާ ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ޒުވާނުން ހިފަންޖެހޭ ކަމަށެވެ. އެމަނިކުފާނު، ވިދާޅުވީ ވަޒީފާ އަދާކުރާ ޒުވާނުން އިތުރުވުމުގެ ސަބަބުން މުޖުތަމައަށް އެތައް ފައިދާއެއް ކުރާނެކަމަށެވެެ. ޒުވާނުން ވަޒީފާ އަދާ ކުރަން ފެށުމުގެ ސަބަބުން ގައުމުގައި މިހާރު ހުރި ވަރަށް ގިނަ އިޖްތިމާއީ މައްސަލަތަކަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.



"އަޅުގަނޑު ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ ވަޒީފާއެއް ނެތި ހުރުމުން ލިބޭ ނުތަނަވަސްކަން ދޫކޮށްލަމާ ހިގާށޭ، ކިތަންމެ ކުޑަ އާމްދަނީއެއް ލިބޭ ވަޒީފާއަކުން ވިޔަސް، އަމިއްލަ ފުދުންތެރިކަމުގެ ހިތްހަމަޖެހުން ހޯދޭތޯ ބަލަމާ ހިނގާށޭ. އެއީ ތިޔަ ޒުވާނުންނަށް ވެސް، އަދި މުޅި މުޖްތަމައަށް ވެސް ލިބޭނެ ވަރަށް ބޮޑު ފައިދާއަކަށް ވާނެ." ރައީސް ސާލިޙު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ އާރްޓީއެލް ފެރީގެ ނިޒާމު ހުރިހާ އަތޮޅަކަށް ފުޅާވުމުން އިތުރު އިދާރީ އަދި ފަންނީ ވަޒީފާތައް ހިމެނޭހެން ޖުމްލަ 1000 ވަޒީފާ އުފެދިގެންދާނެ ކަމަށެވެ. އަދި ސަރުކާރުން ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ހިންގާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން އެލަވަންސް ލިބޭ ގޮތަށް މިހާރު ވެސް ތަފާތު 14 ކުންފުންޏެއްގައި 321 ޒުވާނަކު ތަމްރީނުވަމުންދާ ކަމަށް ރައީސް ވަނީ ފާހަަގަކުރަށްވާފައެވެ.

އެމަނިކުފާނު ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ސަރުކާރުން ފަހިކޮށްދީފައިވާ މަތީ ތައުލީމްގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ޒުވާނުންނަށް އިލްތިމާސްކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު