އިބްރާހިމް ފަހީމް   23 އޮކްޓޯބަރު 2022 - 21:2
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއް ކަމަށް ފުލުހުން ބުނާ އަރުޝަދު ހާލިދު ރާއްޖެއިން ބޭރުގައި ހުއްޓާ ހައްޔަރު ކޮށްގެން ގެނެސް ކޯޓަށް ހާޒިރު ކުރުމުގެ ކުރިން ފުލުހުން އޭނާ ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓުން މިއަދު ބަލައިގެންފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި މި މައްސަލަ، ކޯޓުން ބަލައިގެންފައިވާކަން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް "ރަސް އޮންލައިން" އަށް ވަނީ ޔަގީން ކޮށްދެއްވާފައެވެ.

ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވަނީ، ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ހައިކޯޓުން ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް އަމުރުކޮށްފައިވަނިކޮށް، 12 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ 19:45 އަށް ފުލުހުން އޭނާ ކޯޓަށް ހާޒިރު ކުރީ، ފުލުހުންގެ ހައްޔަރުން ދޫކޮށްލައި އެކަމާ ގުޅޭ ލިޔުމެއް އޭނާއަށް ރައްދުކުރުމަށްފަހުގައި ކަމަށެވެ.

އެދުވަހު ހައިކޯޓުން ބުނީ، އަރުޝަދު ކޯޓަށް ހާޒިރުވީ ބަންދުގައި ހުރެގެން ނޫންކަމަށާއި އޭނާ ހާޒިރުވީ އަމިއްލައަށް ކަމަށެވެ.

އަރުޝަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އެއްވެސް އިރުޝާދެއް ދީފައި ނުވާނޭ ކަމަށާއި އަދި އޭނާ ބަންދުން ދޫކޮށްލުމާ ގުޅޭގޮތުން ފުލުހުން އެ އޮފީހުގެ ލަފަޔަކަށް ވެސް އެދިފައި ނުވާކަމަށް ޕީޖީން ވަނީ ބުނެފައެވެ. އަދި މިކަން ހިނގާފައިވަނީ މައްސަލަ ތަހުގީގުކުރާ ފަރާތާއި، ތަހުގީގުކުރި ޑިޕާޓްމަންޓަށް އެނގުމެއްނެތިކަމަށް ޕީޖީ އޮފީހަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ޚާލިދު ހައްޔަރުން ދޫކުރުމަށް ނިންމި، އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މިހާރު އަންގާފައިވާނޭ ކަމަށާއި އަދި މިކަން ޕޮލިސް ބޯޑުގެ ސަމާލުކަމަށްވެސް ވާނީ ގެނެސްފައި ކަމަށް ޕީޖީ އޮފީހުން އެދުވަހު ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު