ދިވެހިރާއްޖެއާއި ޗާގޮސް ނުވަތަ ފޯޅަވައްސާއި ދެމެދު އޮތް ކަނޑުގެ ސަރަޙައްދާއި ގުޅޭ މައްސަލަ އުފެއްދީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ދިވެހިރާއްޖެއާއި ޗާގޮސްއާއި ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭ މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ބުނެ ފެތެރުމުންދާ ވާހަކަތަކާއި ގުޅިގެންނެެވެ. އެހެން ނަމަވެސް ދިވެހި ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަަހައްދުން އެއްވެސް ބަޔެއް ދޫކޮށްލުމަށް ނިންމާފައިނުވާ ކަމަށެވެ.





ފޯޅަވަހި މައްސަލައިގައި މަޝްވަރާ ކުރުމަށް މޮރިޝަޝް ސަރުކާރުން ދިން ދައުވަތަކަށް 2011 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެގައުމަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅާއި ގުޅިގެން މޮރިޝަޝް އިން އެމަނިކުފާނަށް ލަގަބެއް އެރުވި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ މިމައްސަލަ އުފެއްދެވީ ރައީސް ނަޝީދުކަމަށާއި އެކަން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުން ސާފުވާ ކަމަށެވެ. އަދި އެމައްސަލައިގައި މޮރިޝަޝް އަށް ހިޔާލުދެއްވައި އެކަން ކުރާނެގޮތް ވިދާޅުވެ ދެެއްވުމުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންނެވި ކަމަަށް އެކަމުން އެނގިގެންދާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.



"އަދި މިކަން ކޮށްދިނީމަ ނަޝީދަށް މޮރިޝަސްގެ ސަރުކާރުން ދެވުނު ލަގަބެއްގެ ގޮތުގައި މި ބަލައިގަނެވެނީ،، މިކަން ބަލަންޖެހޭ." ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ މޮރިޝަސްއަށް ރައީސް ނަޝީދު ފުރަތަމަ ވަޑައިގަތީ އެގައުމުން ދިން ދައުވަތަކަށްތޯ ވެސް ބަލަންޖެހޭ ކަމަށެވެެ. އަދި އެމައްސަލައިގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި އަދި ކެބިނެޓުގައި މަޝްވަރާނުކޮށް ރައީސް ނަޝީދު އެގައުމަށާ ވަޑައިގެން އެކަމާ މަޝްވަރާކުރަށްވަން ނުޖެހޭ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު މަޖިލީހުގައި ވިދާޅުވީ މޮރިޝަސްއަށް ކުރެއްވި ދަތުރުފުޅުގައި އެމައްސަލައިގައި އަމަލުކުރާނެ ގޮތުގެ އެއްބަސްވުމެއް ގާއިމު ކޮށްފައިވާނެ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ، ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނައުމާމެދު އެއްވެސް ނިންމުމެއް ދިވެހި ސަރުކާރުން މިހާތަނަށް ނިންމާފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ޗާގޯސްގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް އެއްވެސް އިރެއްގައި ދިވެހިރާއްޖެއިން ދައުވާ ނުކުރާ ކަމަށެވެ.

"ރާއްޖޭގެ ދެކުނުން، ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ ބައެއް ޗާގޮސްގެ ސަރަހައްދަށް ވަންނަކަމަށް މޮރިޝަސްއިން ބުނާ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ގައި ދިވެހިރާއްޖެއިން ނަގާފައިވާ ސްޓޭންޑް ބަދަލެއް ނުވޭ." މިއުވާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު