ކުޑަކުދިން ކޯޓަށް ހާޒިރުނުކޮށް ޝަރީއަތް ކުރެވޭނެ ގޮތްތައް ހަދަންޖެހޭކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރ. އަނގޮޅިތީމުގައި އަލަށް އިމާރާތް ކުރި މެޖިސްޓްރޭޓް ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ކޯޓުން އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އާންމު ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމުގެ މުހިންމުކަމަށާއި، ކުޑަކުދިން ކޯޓަށް ހާޒިރުކުރަންޖެހޭ ފަދަ މައްސަލަތަކުގައި އެކުދިން ކޯޓަށް ހާޒިރުނުކޮށް ޝަރީއަތްކުރެވޭނެ ގޮތްތައް އިޙްތިޔާރުކުރުން މުހިންމު ކަމުގައި ވިދާޅުވިއެވެ. އަދި އެ ކުދިން ކޯޓަށް ހާޒިރުކުރަންޖެހޭ މައްސަލަ ތަކުގައިވެސް ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާ އެއްގޮތަށް ކަންކަން ފުރިހަމަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މިއަދު ހުޅުވި އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތަކީ، 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އަނގޮޅިތީމު ކައުންސިލާ ހަވާލުކުރެވިގެން ކުރި މަސައްކަތެކެވެ. އަދި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ފެށި، މި މަސައްކަތް ހަވާލުކުރިތާ 8 މަސް ދުވަހުގެ ތެރޭގައި ވަނީ ކޯޓު އިމާރާތްކޮށް ނިންމާފައެވެ.

އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓު މީގެ ކުރިން ހިންގަމުން އައިސްފައިވަނީ 02 ކޮޓަރީގެ ޖާގައިގެ އިމާރާތެއްގެ ތެރޭގައެވެ. އެގޮތުން ޝަރީޢަތްތައް ހިންގުމާއި، އިދާރީ މަސައްކަތްތަކާއި، ކޯޓުގެ އިދާރީ ހިންގުމާގުޅޭ އެންމެހައި ކަންކަން ހިންގައި ބަލަހައްޓަމުން ގެންދިޔައީ ވަރަށް ދަތިކޮށެވެ.

އެހެންނަމަވެސް، މިއަދު ރަސްމީކޮށް ބޭނުންކުރަން މިފެށި އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ފަރުމާކުރެވިފައިވަނީ، ޝަރީއަތްކުރާނެ ވަކި މާލަމަކާއި، މެޖިސްޓްރޭޓުންނާއި މުވައްޒަފުން މަސައްކަތްކުރުމަށް ވަކިން ހާއްސަ ކުރެވިފައިވާ ބައިތައް ހިމެނޭގޮތަށް، އާންމުންނަށް ހިދުމަތް ފޯރުކޮށްދިނުމަށްވެސް ފަސޭހަވާނެ ގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު