ފޯޅަވަހި ނުވަތަ ޗާގޯސްއިން އިނގިރޭސިން ފައިބާނަމަ އަނބުރާ ލިބެންޖެހޭނީ ދިވެހިންނަށްކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

ބޮންޑާ މިހެން ވިދާޅުވެފައި މިވަނީ ޗާގޯސް އައިލެންޑު ނުވަތަ ފޯޅަވަހީގެ މައްސަލައިގައި މޮރިޝަސްއިން އެދިފައިވާ ގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް މޮރިޝަސްއިން ބޭނުންވާ ގޮތަށް ދޫކޮށްލުމަށް ދިވެހި ސަރުކާރުން ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެނެވެ.

ޗާގޯސް އައިލެންޑުގެ މައްސަލައިގައި ރާއްޖެއިން ދޫދިނުމުން އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަމުންދާއިރު ސަރުކާރަށް ނިސްބަތްވާ މެމްބަރުން މާގިނަ ވާހަކަތަކެއް ނުދައްކައެވެ.

ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރެއް ކަމަށްވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވަނީ މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

ރަޝީދު ވިދާޅުވީ ފޯޅަވަހިން އިނގިރޭސިން ފައިބާނަމަ އަނބުރާ ލިބެންޖެހޭނީ ދިވެހިންނަށްކަމަށެވެ. އަދި އޭނާ ކުރެއްވި ޓްވީޓުގައި ވަނީ މީގެކުރިން ރައީސް ނަޝީދު މިކަމާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަތައްވެސް ހިއްސާ ކުރައްވާފައެވެ.



ޢައްޑު އަތޮޅާ އެންމެ 650 ކިލޯމީޓަރު ދުރުގައި އޮންނަ ޗާގޯސް އައިލެންޑްސްއަކީ 7 ރަށެއްގެ މައްޗަށް އުފެދިފައިވާ ޖަޒީރާއެކެވެ. މަޝްހޫރު ޑިއޭގޯ ގާސިއާ ނުވަތަ ފޯޅަވައްސަކީ އޭގެތެރެއިން އެއް ރަށެވެ.

ބައެއް ލިޔުންތައް ބުނާގޮތުން ދިވެހިން އެތަނަށް ފުރަތަމަ ނަން ދީފައިވަނީ "ހޮހަޅަވެހި،" މިގޮތަށެވެ. އެއަށްފަހު "ފޯޅަވަހި" ނަމަކަށް ކިއުނު މި އަތޮޅަށް ޕޯޗުގަލް މީހުން ފަހުން ޗާގޯސްގެ ނަން ދިނެވެ. އަދި ޑިއެގޯ ގާސިއާއަކީ އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށަށް ގެންދިއުމަށްފަހު ކިޔާފައިވާ ނަމެކެވެ.

މޮރިޝަސްގެ ބާރުގެ ދަށަށް ފޯޅަވަހި އެންމެ ފުރަތަަމަ ދިޔައީ ފްރާންސްގެ ދަށުގައި އޮތް މޮރިޝަސް އިނގިރޭސިންގެ ބާރުގެ ދަށަށް ދިޔަ ހިސާބުންނެވެ. ނަމަވެސް 1968 ވަނަ އަހަރު އިނގިރޭސިންގެ މިބައިން މޮރިޝަސްއަށް މިނިވަންކަން ލިބުނުއިރު، ފޯޅަވަހި އޮތީ މޮރިޝަސްއާ ވަކިކޮށްފައެވެ. އަދި މިހާރު އެތަނަށް ދީފައިވާ ނަންކަމަށްވާ ބްރިޓިޝް އިންޑިއަން އޯޝަން ޓެރަޓަރީގެ ނަމަށް ބަދަލުކުރެވުނެވެ. އެއަށްފަހު އެތަން ބޭނުންކުރަމުން އައިސްފައިވަނީ އެމެރިކާއާއި އިނގިރޭސިންގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު