މި ސަރުކާރުން އެމްޑަބްލިއުއެސްސީއާއި ހަވާލުކުރި 1.4 ބިލިއަން ރުފިޔާގެ ފެނާއި ނަރުދަމާގެ މަޝްރޫތައް ރަށްރަށުގައި ކުރިއަށް ގެންދިޔުމަށް އެއްވެސް ގައުމަކުން ބިދޭސީއަކު އެތެރެ ކޮށްފައިނުވާނޭކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހް ރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝާހް ވިދާޅުވީ، 20 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް އެ ކުންފުންޏާއި ހަވާލު ކުރުމުން އެންމެ ފުރަތަމަ ހީކުރެއްވީ ލަސްވާނީ އެ މަސައްކަތަށް ބޭނުންވާ ތަކެތި ލިބުން ކަމަށް ކަމަށެވެ.

ނަމަވެސް، ހީކުރެއްވި ގޮތާއި ހިލާފަށް މަޝްރޫއުގެ ބައެއް ތަކެތި ރާއްޖެ ގެނެވުނު އިރު، ރަށްރަށުގައި އެތަކެތި ބަހައްޓާނެ ތަންތަން ތައްޔާރު ކުރެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ފެން ރައްކާކުރާ ޓޭންކްތައް އެމެރިކާއިން ގެނައިއިރު، އެތަކެތި ބަހައްޓަން ތައްޔާރު ކުރަންޖެހޭ ފައުންޑޭޝަންތައް ހެދިފައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ، މި މަސައްކަތްތައް ކުރުމުގައި އެފަދަ މަސައްކަތްތައް ކޮށްދޭނެ ފަރާތްތައް ހޯދުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށާއި، ކުންފުނިން ބެލީ ރަށްރަށުގެ ރައްޔިތުން މަސައްކަތަށް ނެރެގެން އެކަން ކުރުވަން ކަމަށެވެ.

އޭނާ ވިދާޅުވީ، މީހުން ލިބުމުގައި ދަތިތަކެއް ކުރިމަތިވިނަމަވެސް، ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ފުރިހަމަ ކުރަން ކުރާ މަސައްކަތަށް ބޭރުގެ އެއްވެސް ކުންފުންޏަކާ ހަވާލު ކޮށްފައި ނުވާނޭ ކަމަށެވެ. އަދި އެއްވެސް ބިދޭސީއަކު އެތެރެކޮށްފައި ވެސް ނުވާނޭ ކަމަށް ޝާހު ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީއަކީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފެނާއި ނަރުދަމާގެ ވައުދުތައް ފުއްދުމުގައި އެންމެ އިސްރޯލެއް އަދާކުރަމުންދާ އެއް ކުންފުންޏެވެ.



ކިޔުންތެރިންގެ ހިޔާލު