ރާއްޖޭގެ އިގުތިސާދީ ހާއްސަ ސަރަހައްދުން ބައެއް ދޫކޮށްލަން ނޫޅޭ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ރާއްޖޭގެ ދެކުނުން އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮންނަ ޗާގޯޒް އައިލެންޑްސް، އެ ގައުމުގެ ތަނެއްގެ ގޮތުގައި ބޭއްވުމާއި މެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނުމަށް ނިންމާފައިވާކަން އިއްޔެ ހާމަކުރީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ރާއްޖެއާ މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ގުޅޭ މައްސަލާގައި ބޭއްވި ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތެވެ.

އެއާއިއެކު ރާއްޖޭގެ އިގުތިސާދީ ހާއްސަ ސަރަހައްދުން ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން، އޭޖީ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ޙުސައިން ޙަސަން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ޖަރުމަނުގައި ހުންނަ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި މިހާރު ކުރިއަށް އެ ދަނީ ދިވެހިރާއްޖެއާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލައެއް ކަމަށާއި، މި މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލު ނުވާކަމަށެވެ.

"ރާއްޖެއިން އެއްވެސް ތަނެއް ދޫކޮށްލާ ގޮތަކަށް ނޫން މި ތިބީކީ. އެކަމަކު ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ)ގެ ދަށުން މައްސަލަ މަޢުޟޫޢީ ގޮތުން އިޓްލޮސްއިން ބަލައި، އެ މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ ކަނޑައަޅާނެ. ބައިނަލްއަޤްވާމީ އުސޫލުތަކަށް ރިއާޔަތްކުރާއިރު، އާންމު އުސޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލަށް ބިނާކޮށްގެން. އޭގެ ނަތީޖާއަކަށްވާނީ، މުއާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަޙައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބިގެން ދިއުން." އޭޖީ އޮފީހުން ބުނެފައިވެއެވެ.

އެ އޮފީހުން ބުނީ، ބަދަލުވީ އދ. ގައި ނަގާ ވޯޓިންގެ ސިޔާސަތު ކަމަށާއި އެގޮތުން، ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ.ގައި ރާއްޖެއިން ވޯޓު ދޭނެ ކަމަށެވެ.

އަދި މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވައި، އެކަން ރައީސް ޞާލިޙް މީގެކުރިން ވަނީ ވިދާޅުވެފައި ކަމަށް ވެސް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

އެ އޮފީހުން ބުނީ، އިޓްލޮސްގައި އޭޖީ ރިފްއަތު ފާހަގަ ކުރެއްވީ އެ ވާހަކަ ކަމަށާއި ޗާގޮސްއަކީ އެތަނުގެ އަސްލު ވަޒަންވެރިންނަށް އަނބުރާ ލިބެންޖެހޭ ތަނެއްކަމަށް ރާއްޖެއިން ގަބޫލު ކުރާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު