އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް، އަބުދު ﷲ ޔާމިން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

ޕީޕިއެމްގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޔާމިން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ. ރައީސް ޔާމިންގެ ދަތުރުފުޅު ތަކުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނު އަޑުއައްސަވައި ޕާޓީގެ މެނިފެސްޓޯއަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ރައީސް ޔާމިން ނ. އަތޮޅަށް ކުރަށްވާ ދަތުރުފުޅަށްފަހު އައްޑޫ އަދި ގދ. އާއި ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ދަތުރުތައް ރޭވުމުގެ އިންތިޒާމް މިހާރު ހަމަޖައްސަމުން ގެންދާ ކަމަށް ހީނާ ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްރަށަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭ ކަަމަށާއި އެވައުދުތައް ފުއްދަވާނީ ރައީސް ޔާމިން ކަަމަށް ހީނާ ވިދާޅުވިއެވެ.

"ސަރުކާރުން ކޮންމެ އެއްޗެއް ބުނި ކަމުގައިވިޔަސް މި ސަރުކާރުން ނުފުއްދޭ ކިތަންމެ ވައުދުތަކެއް އިރާދަކުރެއްވިޔާ އަޅުގަނޑުމެން ސަރުކާރެއްގައި ރައީސް ޔާމިން ފުއްދަވައިދެއްވާނެ، އަޅުގަނޑުމެންނަށް ވަރަށް ގިނަ ޝަކުވާ ތަކެއް ލިބެމުންދޭ ހަގީގަތުގައި މި ސަރުކާރުން ރަށްރަށަށް ވެފައިވާ ވައުދުތައް ނުފުއްދޭތީ. ރަައީސް ޔާމިން އެކަންކަން ބައްލަވައި އެމަނިކުފާނު އެކަންތަައްތައް ހައްލުކޮށްދެވުމަށްޓަކައި ރައްޔިތުންނަށް އެމަނިކުފާނުގެ ތަސައްވަރު ހާމަކޮށްދެއްވާނެކަން ޔަގީން." ހީނާ ވިދާޅުވިއެވެ.

ރައީސް ޔާމިން ރަށްރަށަށް ކުރަށްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ކޮށްދެއްވާނެ ކަންތައްތައް ހާމަކުރަށްވައި ވަޢުދުތައް ވެވަޑައިގަންނަވަމުން ގެންދަވާއިރު ސަރުކާރުގެ ތަރުޖަމާނު ހުސްވި ހަފުތާގައި ވިދާޅުވެފައި ވަނީ އިދިކޮޅުން ރަށްރަށަށް ވާނެ ވަޢުދެއް، ފުއްދާނެ ވައުދެއް މި ސަރުކާރުގެ މިހިނގާ ދައުރު ނިމޭއިރު ނޯންނާނެ ކަމަށެވެ.

ޕީޕީއެމުން ބުނީ ރައީސް ޔާމީންގެ މި ދަތުރުފުޅަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެޕާޓީއަށް މެމްބަރުން އިތުރުކޮށް އެ ރަށްރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާއި ބައްދަލު ކުރުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށެވެ. މިދިޔަ ހަފްތާގައި ރައީސް ޔާމީން ވަނީ ހއ. އަތޮޅަށްވެސް ޒިޔާރަތް ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު