ވިސްނުމަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާ ހޯދަން އަންނަ ހުރިހާ މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމަަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީ އެންޑީއޭއިން ބޭއްވި ނޫސްވެރިންގެބައްދަލުވުމެއްގައި ޗެއާމަން ޝަމާއު ޝަރީފް ވިދާޅުވީ އެ އެޖެންސީގެ ވިސްނުމަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާ ހޯދަން އަންނަ ހުރިހާ މީހުންނަށް ފަރުވާ ދިނުން ކަމަށެވެ. އެހެންނަމަވެސް ގާނޫނު މިހާރު އޮތްގޮތުން އެކަމަށް ހުރަސް އެޅިފައިވާ ކަމަށާއި ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ ގާނޫނު މިހާރު އޮންނަގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާ ހޯދަން އަންނައިރު އިތުރު ކުށެއް އޮތް ނަމަ ފަރުވާއަށް ޝަރުތު ހަމަނުވާކަމަށެވެ. އެފަދަ މީހުންގެ އިތުރު ޖިނާއީ ކުށެއް އޮތުން ފަރުވާ ނުދީ ނުހުއްޓެވޭނެ ކަމަށާއި އެ ބަދަލުތައް ގާނޫނަށް ގެންނަންޖެހޭ ކަމަށް ޝަމާއު ވިދާޅުވިއެވެ.

"ފަރުވާއަށް އަންނަ މީހާގެ އޮވެދާނެ ވައްކަމުގެ މައްސަލައެއް ވެސް ކުޑަކުޑަ ނުވަތަ އެ ނޫން މައްސަލަ އެއްވެސް އޮވެދާނެ، އެއީ މިކަމުގެ ގޮތުން އެކަހަލަ ގޮތްގޮތަށް ހެބިޓް ހުންނާނެ، އޭނަ ފަރުވާއަށް އައީމަ އެ ފަރުވާ ދޭންވާނެ. ހޮސްޕިޓަލަށް ބަލިވެގެންދާ މީހާއަށް ފަރުވާ ލިބެންޖެހޭނެ ނޫންތޯ؟" ޝަމާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމާއު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިހިބިލިޓޭޓްކޮށް އަލުން މުޖުތަމައުމައަށް ނެރޭއިރު، އެ މީހުންނަށް ވަޒީފާ ހޯދައިދޭން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ރިސޯޓްތަކާއެކީ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެމަސައްކަތުގެ ތެރެއިން މިހާރު ވެސް ބައެއް ކުންފުނިތަކާ އެކީ އެއްބަސްވުންތަކެއް ހަދާފައިވާކަމަށް ޝަމާއު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗަށް ރިހިބިލިޓޭޓްވެ ވަރަށް ފަހުން ވެސް 32 މީހަކު ދޫކޮށްލާފައިވާއިރު އޭގެ ތެރެއިން ގިނަ މީހުން މިހާރު އުޅެނީ ރަނގަޅު ވަޒީފާތަކުގައި ކަމަށް ޝަމާއު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު