ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޙުސައިން ފިޔާޒު (ފިއްޓޭ) ހދ. ނެއްލައިދޫއަށް ވަޑައިގެންނެވުމުން ތަފާތު މަރުހަބާއެއް ކިޔައިފިއެވެ.

އެ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމުގެ މަޝްވަރާތަކަކަށް ނެއްލައިދޫއަށް މިނިސްޓަރު މިއަދު ވަޑައިގެންނެވުމުން އެ ރަށު ރައްޔިތުންގެ ބަޔަކު މިނިސްްޓަރަށް މަރުހަބާ ދެންނެވީ ތަފާތު ގޮތަކަށެވެ. މިނިސްޓަރު ރަށަށް ވަޑައިގެންނެވުމުން ގެންގޮސް ވެއްދީ، އެ އަތޮޅުގައި ސަރުކާރުތަކަށް ތަރައްގީ ކުރެވިފައިނުވާ ރިސޯޓުތައް ދައްކައިދޭގޮތަށް، ބަނދަރުމަތީގައި ހަދާފައިވާ ނަމޫނާ "ރިސޯޓު" ތަކަކަށެވެ.

މިނިސްޓަރާއި އަރިހުގައި ވަޑައިގެންނެވި ވަފުދު އެ ރަށަށް ވަޑައިގެންނެވިއިރު ބަނދަރުމަތި އޮތީ، ރިސޯޓު ހެދުމަށް ކުއްޔަށް ދިންތާ އެތައް އަހަރެއް ވެފައިވާ ކުޑަމުރާދު އާއި ނާގޯށި ފަދަ ރަށްތަކުގެ ނަން ޖަހައި، ރަމްޒީގޮތުން ރިސެޕްޝަން ވެސް ހަދާފައެވެ. މީގެ އިތުރުން ގޮނޑުދޮށުގައި ކުޑަ ޖަހައި، ބީޗު ގޮނޑި ޖަހާފައި ވެސް ހުއްޓެވެ.

މީގެއިތުރުން ސްޕާއާއި ޑައިވިން ސެންޓަރުފަދަ ތަންތަން ދައްކައިދޭގޮތަށް ވެސް އެއްޗެހި ބަހައްޓާފައި ހުއްޓެވެ.

އެ ރަށުގެ ރައްޔިތުން ބުނެފައިވަނީ، ރާއްޖޭގެ ނިސްބަތުން އާބާދީ ބޮޑު އެއް އަތޮޅުގައި މިހާތަނަށްވެސް ރިސޯޓަކަށް ވާވަރުގެ ރިސޯޓެއް ހެދިފައި ނެތުމަކީ ސަރުކާރުތަކުގެ އިހުމާލެއް ކަމަށެވެ. އަދި އެ ރަށްތަކުގައި ރިސޯޓު ނުހެދޭނަމަ އެ ރަށްތައް ރައްޔިތުންނަށް ބޭނުން ކުރެވޭގޮތަށް ބޭއްވުމަށް ވެސް އެ ރަށު ރައްޔިތުން ވަނީ ގޮވާލާފައެވެ. އެ ރައްޔިތުން ބުނެފައިވަނީ، އެތަންތަން ތަރައްގީ ނުކުރާއިރުވެސް އޮންނަނީ ބަޔަކަށް ކުއްޔަށް ދީފައި ކަމަށެވެ.

ނެއްލައިދޫއަށް މިނިސްޓަރު ވަޑައިގެންނެވުމުން ދެންނެވި މަރުހަބާ ތަފާތުވީނަމަވެސް މައުސޫމާއި ފިއްޓޭ ވެސް ވަނީ އެ ތަނުގައި ބަހައްޓާފައިހުރި ބީޗް ގޮނޑިތަކުގައި އިށީއިނދެވަޑައިގެން އެތަނުގައި ތިބި މީހުންނާއި މަޝްވަރާ ކުރައްވާ ހައްދަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު