ރާއްޖޭގައި އުޅޭ ދިވެހިންގެ އާބާދީ ބޮޑުކުރުމަށް މައިންބަފައިންނަށް އެލަވަންސެއް ދީގެން ނަމަވެސް ދަރިން އިތުރުކުރަންޖެހޭކަމަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އާދިލް ސަލީމް ވިދާޅުވެއްޖެއެވެ.

އާދިލް ސަލީމް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި އުޅޭ ދިވެހިންގެ އާބާދީއަށްވުރެ ބިދޭސީންގެ އާބާދީ އިތުރުވާ މިންވަރު 2 ގުނަ އިތުރުކަމަށް ބޯހިމެނުމުގެ ނަތީޖާއިން ދެއްކުމުންނެވެ.

ކުރީގެ މިނިސްޓަރ އާދިލް ސަލީމް މިކަމާއި ކަންބޮޑުވުން ފާޅުކުރަށްވަމުން ވިދާޅުވީ އެހެން މީހުން ބޭރުކުރަން "އައުޓް" ގޮވަގޮވާ ތިއްބާ "އައުޓްވާ" ތަން ފެންނަނީ ދިވެހިން ކަމަށެވެ. އަދި މިއީ ދިވެހި ނަސްލު ނެތެން ދިއުންފަދަ ކަމެއްގެ ގޮތުގައި އާދިލް ސަލީމް ސިފަކުރެއްވިއެވެ.

"އަހަރުމެން ހަރުދަނާ ނުވެއްޖެނަމަ އިންސާނީ ހައްގުގެ ނަމުގައި ގެއްލޭނީ އަހަރެމެންގެ ވަތަން." އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ 2 ދަރިންނަށް ވުރެ އިތުރުވާ ކޮންމެ ދަރިއަކަށް އެލަވަންސެއް ދިީގެންވެސް މިކަން ހައްލު ކުރަންޖެހޭކަމަށެވެ.



މިއަހަރުގެ ބޯހިމެނުމުން މިހާތަނަށް އެއްކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން އާބާދީގައި ހިމެނޭ ދިވެހިންގެ އަދަދަކީ 355331 އެވެ. މީގެ 8 އަހަރު ކުރިން 2014 ވަނަ އަހަރު ބޯހިމެނިއިރު މިއަދަދު ހުރީ 338434 ގައެވެ. އެހެންކަމުން ރާއްޖޭގެ އާބާދީއަށް 8 އަހަރު ތެރޭގައި އިތުރުވި ދިވެހިންގެ އަދަދަކީ 16897އެވެ.

މީގެ 8 އަހަރު ކުރިން ބިދޭސީންގެ އާބާދީއަކީ 63637އެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 97164 އަށް އަރާފައެވެ. މިއީ 33527 އިތުރު އަދަދެކެވެ.

އެހެންކަމުން ބިދޭސީންގެ އާބާދީ ރާއްޖޭގައި އިތުރުވާ މިންވަރު ހުރީ ދިވެހިންނަށްވުރެ 2 ގުނަ މަތީގައެވެ.



ކިޔުންތެރިންގެ ހިޔާލު