ޑިމޮކްރެސީއެއް ދެމެހެއްޓުމުގައި އެންމެ މުހިންމު ކަމަކީ، ޤަނޫނީ އިމުގެ ތެރެއިން ކަންކަން ކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ ޤައުމީ އިނާމު ދިނުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ކޮންމެ މުނާސަބަތެއްގައި ވެސް އަޅުގަނޑުމެންގެ ޤައުމިއްޔަތާ މެދު ވިސްނައި ފިކުރު ކުރުމަކީ ކުރަންޖެހޭނެ ކަމެއްކަމަށެވެ. އަދި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށްޓަކައި މިހާރު ކުރަންޖެހެނީ ކޮން ކަމެއްތޯ ބަލަންޖެހޭނެކަމަށާއި ޤައުމިއްޔަތަށް ހުރި ގޮންޖެހުންތަކާއި ހުރަސްތަކަކީ ކޮބައިތޯ ދެނެގަންނަން އެބަޖެހޭކަމަށް ރައީސް ވިދާޅުވިިއެވެ.

"މިއަދު އަޅުގަނޑުމެން މި ފަޚުރުވެރިވާ ދިވެހި ޤައުމިއްޔަތުގެ ބުންޔާދަކީ، އިސްތިޢުމާރީ އަޅުވެތިކަމުން މިންޖުވުމަށްޓަކައި، އުތީމު ތިން ބެއިންނާއި ދެ ޙާޖީންނާއި ދަންޑެހެލުގެ ފަހަތްޕުޅުގައި، ހިތްވަރުގަދަ ދިވެހިން ކުރި މަތިވެރި ޖިހާދު. އެ ޖިހާދުގެ އާރަކީ، ވަޒަނުގެ އަހުލުވެރިން އީމާންވެގެން ތިބި އެއްކައުވަންތަކަމުގެ ޢަޤީދާއާއި، މި ފަސްގަނޑާ މެދު އެބައިމީހުންގެ ހިތުގައި އޮތް ލޯބި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަޅުގަނޑުމެން މިއަދު ވިސްނަންވީ ދިވެހި ޤައުމިއްޔަތާ ދެކޮޅަށް ދެމުންދާ ޙަމަލާތަކުން ދިފާޢުވުމަށްކަމަށެވެ. އަދި އެ ޙަމަލާތަކުގެ ހަތިޔާރަކީ ކަނޑިބަޑިއާއި ސިލޭހައެއް ނޫންކަމަށާއި، އަމާޒުކުރަނީ އަޅުގަނޑުމެންގެ ޖިސްމަކަށް ނުވަތަ ފުރާނައަކަށް ވެސް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ޙަމަލާތައް އަމާޒުކުރަނީ އަޅުގަނޑުމެންގެ ވިސްނުމަށާއި ފިކުރަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމިއްޔަތަށް މިއަދު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފިކުރީ ހަނގުރާމަކަމަށާއި އެ ހަނގުރާމައިން ދިފާޢުވެ، ޤައުމިއްޔަތު ދިރުވުމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައި އުފައްދަންވީ ޤައުމީ ލޯބިކަމަށެވެ.

"ޤައުމިއްޔަތު ދިރުވުމަކީ، އެ ޤައުމެއްގެ އެންމެހައި ސިފަތަކާއި އަގުތަކަށް ލޯބިކުރުން. އެ ޤައުމެއްގެ ކީރިތިކަމާއި ހައިބަވަންތަކަން ޤަބޫލުކުރުން. ޤައުމިއްޔަތުގެ އެންމެހައި ރުކުންތައް ދަމަހައްޓައި ނެގެހެއްޓުން. އެބައެއްގެ އެއްމެދު ޤަބޫލުކުރުންތަކާއި ހަމަތަކަށް އިޙްތިރާމްކުރުން. އެބަޔަކާ ލާމެހިފައިވާ ޠަބީޢީ ހުރިހާ ކަންކަމާ މެދު އަގަލާއި ކުލުނު އުފެއްދުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަޅުގަނޑުމެން އެންމެން މިއަދު އުޅެމުން މިއަންނަނީ ފުރިހަމަ މިނިވަންކަމާއި ޙައްޤުތައް ވެސް ލިބިގެން ހުޅުވައިލެވިފައިވާ ޑިމޮކްރެޓިކް ޖައްވެއްގައިކަމަށެވެ. އަދި ޑިމޮކްރެސީއެއް ދެމެހެއްޓުމުގައިވެސް އެންމެ މުހިންމު ކަމަކީ، ޤަނޫނީ އިމުގެ ތެރެއިން ކަންކަން ކޮށް، އެއްބަސްވެވިފައި ހުރި ހަމަތަކާއި އުޞޫލުތަކާއި ކަންކަމަށް އެންމެން ތަބާވުންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު