އަހުމަދު މަސްނޫމް   20 އޮކްޓޯބަރު 2022 - 20:23
ބޯހިމެނުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ގުނިފައިވަނީ ރާއްޖޭގެ އާބާދީގެ 89 އިންސައްތަކަމަށް ސްޓެޓިސްޓިކްސް ބިއުރޯ އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން މިއަދު ވަނީ މިދިޔަ މަހު ރާއްޖޭގައި ފެށި ބޯހިމެނުމުގެ ތަފާސްހިސާބުތަކާއި ގުޅޭ ބައެއް މައުލޫމާތު އާއްމުކޮށްފައެވެ.

އެ މައުލޫމާތު ދައްކާގޮތުން މިއަދުގެ ނިޔަލަށް އެއް ކުރެވުނު މައުލޫމާތުތައް ދައްކާގޮތުން ބިދޭސީންނާއި ދިވެހިންގެ އާބާދީއަކީ 495452 އެވެ. މިއީ އެންމެފަހުން ބޯހިމެނި 2014 ވަނަ އަހަރުގެ ޖުމްލަ އަދަދުކަމަށްވާ 402071އާ ބަލާއިރު 50424 އިތުރު އަދަދެކެވެ.

މިއަހަރުގެ ބޯހިމެނުމުން މިހާތަނަށް އެއްކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ދިވެހިންގެ އަދަދަކީ 355331އެވެ. އަދި ބިދޭސީންގެ އާބާދީއަކީ 97164އެވެ.

2014 ވަނަ އަހަރު ދިވެހިންގެ އަދަދަކީ 338434 އެވެ. އަދި ބިދޭސީންގެ އަދަދަކީ 63637 އެވެ.

ސްޓެޓިސްޓިކްސް ބިއުރޯ އޮފް މޯލްޑިވްސްއިން ބުނީ މިއަހަރުގެ ބޯހިމެނުމުގައި މިހާތަނަށް ގުނިފައިވާ އާބާދީއަކީ، އިދާރީ ރިކޯޑްތަކުންބަލާއިރު ރާއްޖޭގެ ރެޖިސްޓަރޑް އާބާދީގެ %89 އެވެ. ރެޖިސްޓަރޑް އާބާދީގެ ތެރޭގައި ރާއްޖޭންބޭރުގައި ދިރިއުޅޭ ދިވެހިންވެސް ހިމެނެއެވެ.

ބޯހިމެނުމުން މިހާތަނަށް ގުނުނު ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދު 97164އަށް އަރާއިރު މިއީ 2014 ވަނަ އަހަރުގެ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދެއްގެ ގޮތުގައި ބޯހިމެނުމުންގައި ގުނުނު އާބާދީއަށްވުރެ 33527 މީހުން އިތުރު އަދަދެކެވެ.

މިއީ އިމިގްރޭޝަންގެ ރިކޯޑްތަކުން ދައްކާ ބިދޭސީންގެ އާބާދީގެ 65 އިންސައްތައެވެ. އަދި މިއަދަދު އިތުރަށް ފުރިހަމަކުރުމަށްޓަކައި ވަޒީފާތަކަށް ބިދޭސީން ގެނެސްފައިވާ އެމްޕްލޯޔަރުންނާއި ގުޅިގެން ދަނީ އިތުރު

މަސައްކަތްތަކެއް ކުރަމުންނެވެ.

ސްޓެޓިސްޓިކްސް ބިއުރޯ އޮފް މޯލްޑިވްސްއިން ބުނީ ތަޅުލާފައިވާ ތަންތަނާއި ބޯހިމެނިފައިނުވާ ފަރާތަކާއި މިބިއުރޯގެ ފަރާތުން ގުޅުމުން ނުވަތަޒިޔާރަތްކުރުމުން

ދެއްވާ އެއްބާރުލުމަށް ރިއާޔަތްކޮށް، ބޯހިމެނުމުގެ މައުލޫމާތު ފުރިހަމަ ކުރުމަށް މިވަގުތު އެންމެ އެކަށީގެންވާ ގޮތަކީ އެފަރާތްތަކާއި ގުޅައިގެން މަޢުލޫމާތު ލިބެމުންދާ މިންވަރަކުން މައުލޫމާތު ނަގަމުން ގެންދިއުންކަމަށް އާބާދީއާއި ގުޅޭ ތަފާސްހިސާބުގެ މާހިރުންގެ ލަފާދެއްވާފައިވާކަމަށެވެ. އަދި މިހާރުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ޕޯސްޓް އެނިއުމަރޭޝަން ކޮލިޓީ ވަޒަންކުރުމަށް ސަރވޭއެއްވެސް ބިއުރޯގެ ފަރާތުން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު