ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ޗެކް ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ހުވަދު އަތޮޅުގައި މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމަކީ މި މަހުގެ 23 އިން 27 އަށް ގދ. ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "އެސްޓީއޯ މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕް 2022" އެތުލެޓިކްސް މުބާރާތާ ގުޅިގެން ސްކޫލު ދަރިވަރުން ގޮވައިގެން ކަނޑުމަގުން ގިނަ ދަތުރުތަކެއް ކުރާނެތީ، ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފެށި ޕްރޮގްރާމެއްކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މިގޮތުން އެ އަތޮޅުގެ އެތެރޭގައި ދުއްވާ އުޅަނދުތަކުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ކޯސްޓްގާޑުން ބަލަމުންދާނެކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

މިއަދުން ފެށިގެން މުބާރާތް ނިމުމާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް ކޯސްޓްގާޑުން ބަލަމުން ގެންދާނެއެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ވަނީ ހަމަޖެހިފައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު