އާއިލާއިން ބޭރުންދޭ ކޮންމެ ހަމަލާއެއް ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ދިފާއުގައި ދަރިކަލުން ޣައްސާނު މައުމޫން ތެދުވެވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާނު މައުމޫން މިހެން ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ، ސޯޝަލް މީޑިއާގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް ވާހަކަތަކެއް ދައްކަވާފައިވަނިކޮށެވެ. މީރާގެ އެ ވާހަކަތަކަށް ނުސީދާކޮށް ރައްދު ދެއްވަމުން ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން ވިދާޅުވީ ބުނަން ބޭނުން އެއްޗެއް އަމިއްލައަށް ބުނުމުގެ ބަދަލުގައި ތުއްތު ޅަދަރީން ބޭނުންކޮށްގެން ބުނުވުމަކީ ކަންކަމުން ފިލާ މީހުންގެ ގޮތް ކަމަށެވެ.

އަދި ރައީސް މައުމޫން ގައުމަށް ކުރައްވާފައިވާ ހިދުމަތްތަކާއި އެއްވަރަށް ދުވަހަކުވެސް ވަޑައިނުގެންނެވޭނެ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ. ޣައްސާން ވިދާޅުވީ އާއިލާއިން ބޭރުންދޭ ކޮންމެ ހަމަލައެއް ދިފާއު ކުރައްވާނެ ކަމަށެވެ.

"ބުނަން ބޭނުން އެއްޗެއް އަމިއްލައަށް ބުނުމުގެ ބަދަލުގައި ތުއްތު ޅަދަރީން ބޭނުންކޮށްގެން ބުނުވުމަކީ ކަންކަމުން ފިލާ މީހުންގެ ގޮތް. ކުރިމައްޗަށް އަންނަން ކީއްކުރަން، ހިދުމަތުގެ ގޮތުން ހިނގި މަގަކުންވެސް ނުހިނގޭނެ. އާއިލާއިން ބޭރުން ދެވޭ ކޮންމެ ހަމަލައެއް ދިފާއު ކުރާނަން." ޣައްސާނު ވިދާޅުވިއެވެ.

ޣައްސާން މިފަހުން ގެންދަވަނީ ރައީސް މައުމޫންގެ ޒަމާންވީ ވާދަވެރިންނަށް ވަރުގަދައަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. ރައީސް ޔާމިންގެ ވެރިކަމުގައި ޣައްސާނުގެ ބައްޕާފުޅު ރައީސް މައުމޫނު ޖަލަށް ލުމުން ވެސް އެކަމާ މެދު އެއްޗެއް ވިދާޅުނުވެ ސަރުކާރުގެތެރޭގައި ހުންނެވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ޣައްސާނަށް އަމާޒުވެގެން ގޮސްފައިވެއެވެ.

ރައީސް މައުމޫނާއެކު ނުހުންނަވާ ރައީސް ޔާމީނާއެކު ޣައްސާން، މަސައްކަތް ކުރައްވާތީ އެކަމާއި ގުޅިގެން ވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ޣައްސާނަށް އަމާޒުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު